އޮންލައިން ނޫސް "ފެށުން"ގެ ނޫސްވެރިޔަކަށް ފުލުހުން ހަމަލާދީފިއެވެ.
ފުލުހުން ހަމަލާދީފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުއް ކޮށްފައިވާ ޙުކުމްގެ އިސްތިޢުނާފު މައްސަލައިގެ ހުކުމާ ދިމާކޮށް އިދިކޮޅުން ކުރަމުންދާ މުޒާހަރާ ކަވަރު ކުރުމަށް އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ "ފެށުން" ނޫހުގެ ނޫސްވެރިޔަކަށެވެ.
ފުލުހުންވަނީ "ފެށުން" ނޫހުގެ ނޫސްވެރިޔާ ލޮލުގައި އަޅައިގެން ހުރި އައިނު ނަގާ ބިންދާލާފައި، އަދި ނޫސްވެރިޔާގެ ކަންކަށިމަތީ ޖަހާފައިކަންވެސް ފާހަގަކުރަމެވެ.

ރައީސް ޔާމިން އަށް ތާއީދު ކުރައްވާ ފަރާތްތަކުން މިވަގުތު ގެންދަނީ އަޑު އުފުލައި، މުޒާހަރާ ކުރަމުން، އެގޮތުން ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފުލުހުން ދަނީ އެ ސަރަޙައްދުގެ ކަންކަން ބަލަހައްޓަމުންނެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
މިމައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިޢުނާފު ކޮށްފައެވެ. މި މައްސަލައިގައި ޙުކުމް އިއްވުން ހައިކޯޓުން މިހާރު ތާވަލް ކޮށްފައި ވަނީ މިއަދު މެނދުރުފަހު 02:15 އަށެވެ.



