2018 ވަނަ އަހަރު ޖޯން ކްރަސިންސްކީގެ ޑައިރެކްޝަންގެ ދަށުން ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ކާމިޔާބު ބިރުވެރި ފިލްމް “އަ ކުއައިޓް ޕްލޭސް”ގެ ދެވަނަބައި ރިލީޒްކުރުމަށް އެންމެ ފުރަތަމަ ތާވަލްކޮށްފައި އޮތީ، މިދިޔަ އަހަރުގެ މާޗް 20 ގައެވެ.
ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ފިލްމް ނޭޅުވި ރިލީޒްކުރާ ތާރީޙް ލަސްކުރަމުން އައިސް، އެންމެ ފަހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17ގައި ފިލްމް އަޅުވަން ތާވަލްކޮށްފިއެވެ.
މިއީ މި ފިލްމް އެޅުވުން ފަސްވެ، ރިލީޒްކުރުމަށް ތާވަލްކުރި ހަތަރު ވަނަ ފަހަރެވެ. އެގޮތުން މާޗް 20 ގައި ނޭޅުވުމުގެ ސަބަބުން، ފިލްމް އެޅުވުމަށް ދެން ތާވަލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 4 ގައެވެ. ނަމަވެސް އެ ތާރީޙްގައިވެސް ފިލްްްމް ނޭޅުވި، ދެން ފިލްމް އަޅުވާ ތާރީޙް މި އަހަރުގެ އޭޕްރީލް މަހަށް ބަދަލުކުރިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު 17 ގައި ފިލްމް ރިލީޒްކުރަން މިހާރު ހަމަޖެހިފައިވާއިރު، ފިލްމް ތިއޭޓަރ ތަކުގައި ނާޅުވާނެއެވެ. ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، އޮންލައިން ޕްލެޓްފޯމް "ވިއާކޮމްސީބީއެސް" އިންނެވެ.
އަ ކައިޓް ޕްލޭސް ގެ ފުރަތަމަ ބައި ވެގެންގޮސްފައިވަނީ ބޮޑު ހިޓަކަށެވެ. ބެލުންތެރިންގެ މެދުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދި މި ފިލްމަށް، މުޅި ދުނިޔެއިން 340 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.
ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، އިންސާނުން ނޫން، އާދަޔާ ހިލާފު ލޮލަށް ނުފެއްނަ ނަމަވެސް އަޑުއިވުމުގެ ބާރު އާދަޔާ ހިލާފަށް ގަދަ އެއްޗެހިތަކެއް ދުނިޔެއަށް ވެރިވެގަނެގެން، އިންސާނުންގެ އަދި ޖަނަވާރުން އާބާދީގެ ބޮޑު ބައެއް ނައްތާލައިފައިވާ މި ދުނިޔޭގައި އާއިލާއަކު ދިރިހުރުމަށް ކުރާ މަސައްކަތެވެ. ކިތަންމެ ކުޑަ އަޑެއް އިވުނުކަމުގައިވިޔަސް އޭއްޗެހި އައިސް ހަމަލާދެއެވެ.



