ހަލުވިކަމާއެކު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 102 މިލިއަނުން މައްޗަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 102,037,423 އެވެ. އަދި މިބަލީގައި 2,200,994 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ، 73,865,827 މީހުންނެވެ.
މިހާތަނަށް ދުނިޔޭގެ 219 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 26,338,607 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު، 443,769 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮސިޓިވް ވެފައިވަނީ އަވައްޓެރި އިންޑިޔާ އިންނެވެ. އެޤައުމުން މިހާތަނަށް 10,720,971މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 154,047 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.
ތިންވަނައަށް އެންމެ ގިނަ ބައްޔަށް ޕޮސިޓިވް ވެފައިވަނީ ބްރެޒިލްއިންނެވެ. އެޤައުމުން މިހާތަނަށް 9,060,786 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 221,676 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
މީގެ އިތުރުންވެސް، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިލިއަނަކުން މައްޗަށް އުޅޭ ގައުމުގެ ތެރޭގައި، ރަޝިއާ، ފްރާންސް، ސްޕެއިން، ޔޫކޭ، އިޓަލީ އާޖެންޓީނާ، ކޮލޮމްބިއާ، މެކްސިކޯ، ޖާރމަނީ، ޕޮލެންޑް އަދި އިރާން ހިމެނެއެވެ.
އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައިވާ އެމެރިކާއިން ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އެންމެ ފުރަތަމަ އެޅި ފިޔަވަޅުތަކާއި ގުޅިގެން މިދިޔަ އަހަރުވަނީ 20 މިލިއަނަށްވުރެ ގިނަ ވަޒީފާ ގެއްލިފައެވެ. މީގެތެރެއިން 11 މިލިއަނެއްހާ މީހުން އަދިވެސް ތިބީ އަދާކުރާނެ ވަޒީފާއެއް ނެތިއެވެ.



