ހދ. ކުމުންދޫގައި ހާދާފައިވާ ހިތް ފަސޭހަ މައިޒާންތަކުގެ ތެރެއިން "ކިނާރާފަންނު"މައިޒާނުގައި ބަޔަކު ރޯކޮށްލައިފިއެވެ.
ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު "ފެށުން" އަށް ވިދާޅުވީ، މި މައިޒާނުގައި ރޯކޮށްލާފައިވަނީ ރޭގެ ވަގުތެެއްގައި ކަމަށެވެ. އަދި މި މައިޒާނަކީ މިދިޔަ ހަފްތާގައި ހުޅުވި މައިޒާނެއްކަމަށް އަމީން ފާހަގަކުރެއްވިއެވެ.
އަމީން ވިދާޅުވީ، އެ މައިޒާނުގެ ހަދާފައިވާ ބައެއް ހަޓްތަކުގައި މަތީގައި ރޯކޮށްލާފައިވާ ކަމަށެވެ. ރޯކޮށްލުމުގެ ސަބަބުން އެލުވާފައިވާ އުނދޯލިތަކާއި އިށީންދެވޭ ގޮތަށް ހަދާފައިވާ ބައެއް ތަންތަން ވަނި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

އަމީން ވިދާޅުވީ، މިކަން ކުރި ބަަޔަކު އަދި ނޭނގޭ ކަމަށާއި، ނަމަވެސް މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް މިހާރު ރިޕޯޓުކޮށްފައިވާކަމަށެވެ.
ކުމުންދޫ ކައުންސިލުން ވިދާޅުވީ، ހެދިފައިވާ މައިޒާންތަކަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ހެދިފައިވާ ތަންތަންކަމަށެވެ. އަދިމިތަންތަނަށް ލިބޭ ގެއްލުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުން ކަމަށާއި، ރޭގައި ކިނާރާ ފަންނު އަށް ބަޔަކު ދީފައިވާ ގެއްލުމަކީ ވަރަށް ނާތަހުޒީބު އަމަލެއްކަމަށެވެ. އަދި، މިފަދަ އަމަލު ތަކުން އަޅުގަނޑުމެން ރައްޔިތުން ދުރުވާންޖެހޭކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ކުމުންދޫގެ ރައްޔިތުން ގުޅިގެން އެ ރަށުގެ އެކި ސަރަހައްދު ތަކުގެ ގޮނޑުދޮށްތަކުގައި މި ފަހަކަށް އައިސް ވަނީ ހިތް ފަސޭހަ އެތައް މައިޒާންތައް ބިނާކޮށްފައިވެއެވެ. މި މައިޒާންތަކާއި ގޮނޑުދޮށްތައް ބަލާލުމަށް ހދ އަތޮޅުންނާއި އަދި ބޭރު އަތޮޅުގެ ރައްޔިތުންވެސް ކުމުންދޫއަށް ވަރަށް ގިނައިން ޒިޔާރަތްކުރެއެވެ. .





ހިޔާލު
ތިފަދަ ކަންކަން ކުރާނީ ވަރަށް ބޮޑެތި ޖާހިލުން..ތިޔަ ތަނުގަ ކެމެރާ ހަރު ކުރެވޭނެ ގޮތެއް އޮތްނަމަ އެކަން ކުރަން ފެނޭ.ފަންޑިން ހޯދަން ވެސް ފެނޭ.