ދައުލަތުން ރާވަނީ ރައީސް ޔާމީނަށް ފުރިހަމައަށް ދިފާއުވުމުގެ ފުރުޞަތު ނުދޭން: ވަކީލުން

ފުރިހަމައަށް ދިފާއުވުމުގެ ހައްޤުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަހްރޫމް ކުރުމަށް ދައުލަތުން ރާވައިގެން މަސައްކަތް ކުރައްވާކަމަށް، ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިހެން ވިދާޅުވެފައިވަނީ، ރައީސް ޔާމީން މިއަދު ފުލުހަށް ހާޟިރުކުރުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ދާދި ދެންމެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ، ސްޕްރީމް ކޯޓުގެ އިސްތިއުނާފު މަރުހަލާގެ ޝަރީއަތާއި ދިމާކޮށް ދަށު ކޯޓުގައި ޝަރީއަތް ހިންގައި، ފުލުހުންގެ ތަޙްޤީޤަށް ހާޟިރުކުރަން ފަށާފައިވަނީ، އެމަނިކުފާނަށް ހައްޤުވާ ދިފާއުވުމުގެ ހައްޤުން މަހުރޫމް ކުރުމަށް ކަމަށެވެ.

"ރައީސް ޔާމީންގެ މައްސަލަތަކެއް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން ރޭވިގެން ރާއްޖޭގެ ސަރުކާރުގެ ތެރެއިން ކުރިއަށްގެންދާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ރޭވިފައި މިއޮތީ ސްޕްރީމް ކޯޓުގެ އިސްތިއުނާފު މަރުހަލާ ކުރިއަށްދާއިރު، ހަމައެއާއެކއެކީގައި ދަށުކޯޓުގައި ހިނގަމުންދާ ޝަރީއަތްވެސް އޮތުމާއެކުއެކީގައ،ި ހަމައެއާއެކީގައި ތަޙްޤީޤުގެ ތެރޭގައިވެސް މައްސަލައެއް ކުރިއަށް ގެންދިއުން. މީގެ ބޭނުމަކީ ރައީސް ޔާމީނަށް އެންމެ އާއްމު ރައްޔިތަކަށް ލިބިގެންވާ ފުރިހަމަ ގޮތުގައި ދިފާއުވުމުގެ ހައްޤުންވެސް މަހްރޫމްކުރުން." ޑރ.ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ، މިގޮތަށް ތިން މަރުހަލާގައި އެކުއެކީގައި މައްސަލަތައް ކުރިއަށް ގެންދާނަމަ އެކަށީގެންވާ ގޮތެއްގައި ދިފާއުވުމުގެ ފުރުޞަތު ނޯންނާނެކަމީ އެންމެ އާދައިގެ ރައްޔިތުމީހާއަށްވެސް އެނގޭ ކަންކަން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ