މާލޭ ގެސްޓްހައުސްއަކަށް ދިޔަ މީހަކު ބަރަހަނާކޮށް، ފޭރިގެންފި

މާލޭގެ ގެސްޓްހައުސްއަކަށް އަންހެނަކާ ބައްދަލުކުރަން ފިރިހެނަކު ގެންގޮސް ބަރަހަނާކުރުމަށްފަހު، އޭނާ ފޭރިގެންފި އެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މިހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

ޖަވާހިރު ގޯޅީގައި ހުރި ގެސްޓް ހައުސްއަކަށް އަންހެނަކާ ބައްދަލުކުރުމަށް ދިޔަ މީހެއްގެ ފޯނާއި ވޮލެޓްގައި ހުރި ފައިސާތަކެއް ފޭރިފައިވާއިރު، މިމައްސަލާގައ އަންހެނުންގެ އިތުރުން ދެފިރިހެނަކުވަނީ ޙައްޔަރުކޮށްފައެވެ. އަދި އެމީހާ އަތުން ފޭރުމަށްފަހު އެމީހާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި އެތަކެތި ބޭނުންކޮށްގެން އިތުރަށް ފައިސާ ހޯދުމަށް ބިރުދައްކައި ބްލެކް މެއިލްކޮށް އޭނާގެ އެކައުންޓުން ފައިސާ ޓްރާންފަރކުރުވާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ނަމަވެސް އޭނާގެ އަތުން ފޭރިގަތީ ކިހާ އަދަދެެއްގެ ފައިސާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލާގައި ޙައްޔަރުކޮށްފައިވާ ތިން މީހުންނަކީ، އުމުރުން 39 އަހަރު، ހ. ސެމޯއާ، އާއިޝަތު ނަޡުމާ އާއި އުމުރުން 27 އަހަރު، މއ. ޕާސީވިލާ، އަބްދުﷲ ޒައިން އަދި އުމުރުން 33 އަހަރުގެ، މ. ގެޕް، ހަސަން މޫސާ އެވެ.

އަދި މިމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ