ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންނަށްވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލެވޭނެ

ޕޮޒިޓިވްވެފައިވާ މީހުންނަށްވެސް އެހެންމީހުންނާއި ވަކިން  ވަކި ވެހިކަލެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލެވޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ވަނީ، ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކައުންސިލް އިންތިހާބު ބޭއްވުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު ނެރެފައެވެ.

މިއީ، ކޮވިޑް-19 ގެ ހާލަތުގައި ލޯކަލް ކައުންސިލު އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގެ ދަށުން އެކުލަވާލި އުސޫލެކެވެ. މި އުސޫލަށް ކިޔަނީ، "ކޮވިޑް-19 ގެ ހާލަތުގައި ރައްކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޙާބު ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލް" އެވެ.

މި އުޞޫލުގައި ކައުންސިލް އިންތިޚާބު ބޭއްވުމުގެ އިންތިޒާމްތައް ހަމަޖައްސާ ފަރާތުންނާއި، ވޯޓުލާން ދާ ފަރާތްތަކުން ކޯވިޑް-19 އިން ރައްކާތެރިވުމުގައި ޢަމަލުކުރަންޖެހޭގޮތާއި، އިންތިޚާބާގުޅިގެން ކުރާ އެކި މަސައްކަތުގައްޔާއި، ބާއްވާ އެކިއެކި ހަރަކާތްތަކާއި، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ތާޢިދު ހޯދުމަށް ކުރާ މަސައްކަތްތަކުގައި ކޯވިޑް އިން ރައްކާތެރިވުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އެޗް.ޕީ.އޭއިން ވަނީ ބަޔާންކޮށްފައެވެ. އަދި ކޯވިޑް-19ގެ ބަލި މީހުންނާއި، ބަލިޖެހިފައިވާ މީހުންގެ ކޮންޓެކްޓުންނާއި، ބަލީގެ އަލާމާތެއް ހުރި މީހުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރައްކާތެރިކަމާއެކު ވޯޓުލުމުގައި ޢަމަލުކުރަންޖެހޭގޮތްވެސް މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ތަނަށް ވަންނަ/ނުކުންނަ ދޮރު ކައިރިގައްޔާއި އެތެރޭގެ އެކި ހިސާބުތަކުގައި ކޯވިޑް-19 އިން ރައްކައުތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު (މާސްކު އެޅުން، މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން، އަތުގެ ސާފުތާހިރުކަން، ދުންފަތުގެ އިސްތިޢުމާލު ނުކުރުން ފަދަ) އާންމުކޮށް ފެންނާނޭހެން ބަހައްޓަންޖެހޭނެއެވެ. އަދި މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭގޮތަށް އެ ތަންތަނަށް މީހުން ވަނުމާއި ނުކުތުމުގެ އިންތިޒާމުތައް ހަމަޖައްސަންޖެހޭނެކަމަށާއި، ވޯޓުލާން ދާ މީހުން ކިޔޫގައި ތިބޭއިރު، 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭގޮތަށް އިންތިޒާމުތައް ހަމަޖައްސަންޖެހޭނެކަމަށް އެޗް.ޕީ.އޭގެ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

ވޯޓުލާން ދާ މީހާޔާއެކު އެހީތެރިޔަކު ދާންޖެހޭ ހާލަތްތަކުގައި އެހީ ތެރިއެއްގެ ގޮތުގައި ދާ މީހަކު ފިޔަވައި އިތުރު މީހުން ވޯޓުލާ މަރުކަޒަށް ނުވެއްދޭނެއެވެ. އަދި ތަނަށް ވަންނަ މީހުންނާ 3 ފޫޓަށްވުރެ ގާތުން މުޢާމަލާތު ކުރަންޖެހޭ ހުރިހާ އޮފިޝަލުން / މޮނިޓަރުން / މަންދޫބުން / ސުޕަވައިޒަރުން ފަދަ މީހުން މާސްކުގެ އިތުރުން ފޭސް ޝީލްޑް ބޭނުންކުރުމަށާއި، ތަނަށް ވަންނަ މީހުން މާސްކު އެޅުމުގެ އުސޫލާ އެއްގޮތަށް މާސްކު އަޅައިގެން ތިބޭކަން ކަށަވަރުކުރުމަށްވެސް އެޗް.ޕީ.އޭއިން ވަނީ އަންގާފައެވެ. ވޯޓުލާންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އަމިއްލަ ގަލަން ހިފައިގެން ދިއުމަށްވެސް އެޗް.ޕީ.އޭއިން މި އުޞޫލުގައި ބާރު އަޅާފައިވެއެވެ.

އިންތިޚާބުގައި ބޭނުންކުރާ ހުރިހާ މަރުކަޒުތަކަކީވެސް ވައި ދައުރުވާނޭހެން ދޮރުތައް ހުޅުވާފައި ބެހެއްޓޭނެފަދަ މަރުކަޒުތަކަކަށް ވާންޖެހޭނެކަމަށާއި، ވޯޓިންގ ބޫތުތަކާއި ވޯޓުފޮށިތައް، މަދުވެގެން 3 ފޫޓުގެ ދުރުމިނުގައި ބެހެއްޓުމަށް އެޗް.ޕީ.އޭއިން އަންގާފައިވެއެވެ. އަދި ވޯޓުލުމަށް ކިޔޫގައި ތިބޭ ވަގުތު ފިޔަވައި ތަނުގައި މަޑުކޮށްގެން ނުތިބުމަށްވެސް އެޗް.ޕީ.އޭއިން އިރުޝާދުދީފައިވެއެވެ. މީގެ އިތުރުން ވޯޓު ގުނުމުގައި ޢަމަލުކުރަންވީ ގޮތްތަކާއި، އިންތިޚާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ޢަމަލުކުރަންޖެހޭގޮތްތައްވެސް އެޗް.ޕީ.އޭގެ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެކަހެރިކޮށްފައިވާ މީހުންނާއި، އެމީހުންގެ ކޮންޓެކްޓުންނާއި، ބަލީގެ އަލާމާތްތައް ހުންނަ މީހުން ވޯޓުލުމުގެ ކަންތައްތައް ހަމަޖެއްސުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަންޖެހޭގޮތްތައްވެސް މި އުޞޫލުގައި އެޗް.ޕީ.އޭއިން ބަޔާންކޮށްފައިވެއެވެ. އެގޮތުން ވޯޓުލުމުގެ ފުރުޞަތު ދިނުމުގައި، އެކަހެރިކޮށްފައި ތިބޭ މީހުން، ވޯޓުލާ މުއްދަތުގައި ހުރި ރަށުގައި ވޯޓުލާގޮތަށް ހަމަޖެއްސުމަށް ވަނީ އަންގާފައެވެ. ކޯވިޑް-19 އަށް ޕޮޒިޓިވެފައިވާ މީހުން ވޯޓުލުމަށް އެހެން މީހުންނާ އެކުނުވާގޮތަށް ވަކި ވެހިކަލެއްގައި ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ވޯޓުލާ މަރުކަޒަށް ގެންދިއުމާއި، އަނބުރާ ގެނައުމުގެ އިންތިޒާމްތައް އެޗް.ޕީ.އޭގެ ހުއްދަޔާއެކު ހަމަޖެއްސުމަށްވެސް އަންގާފައިވެއެވެ. އަދި އެފަދަ މީހުން ވޯޓުލުމަށް ވަކި ތަނެއް ނުވަތަ ވޯޓުލާން އައުމަށް ވަކި ގަޑިއެއް ހަމަޖެއްސުމަށްވެސް އެޗް.ޕީ.އޭގެ އުޞޫލުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން އިންތިޚާބުގެ މަސައްކަތްތައް ރޭވުމުގައި އެ ރަށެއްގައި ކޯވިޑް-19 ގެ ހާލަތު ހުރިގޮތް ބަލައި މިސާލަކަށް، މޮނިޓަރިންގއަށް ލައިފައިވާ ރަށެއްނަމަ އެޗް.ޕީ.އޭއިން އެ ރަށާމެދު އެ ވަގުތެއްގައި ޢަމަލުކުރުމަށް ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، އެޗް.ޕީ.އޭގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ރިޒޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ވޯޓްލެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ އެޖެންސީން އާއްމުކޮށްފައިވާ އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ