އެޗްޕީއޭގެ އުސޫލުތައް ބުރަބޮޑުވެ، އަނެއްކާވެސް އިންތިޚާބު ލަސްކުރަން މަޖިލީހަށް

ކޯޥވިޑް-19 ގެ ޙާލަތުގެ ތެރޭގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ، ރޭ ގެޒެޓުކޮށްފައިވާ އުސޫލުގެ ސަބަބުން އިންތިޚާބު ބޭއްވުމަށްޓަކައި އިތުރު ހުރަސްތައް ކުރިމަތިވާކަމަށް ބުނެ، އިންތިޚާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާ ހަވާލާދީ "މިހާރު" ނޫހުން ބުނެފައިވަނީ އެޗްޕީއޭ އިން ގެޒެޓުކޮށްފައިވާ އުސޫލުތަކުގެ ސަބަބުން އިންތިޚާބު ބޭއްވުމުގެ ކަންކަމަކީ ވަރަށް ބުރަ ކަންތައްތަކަކަށް ވެގެންދާނެކަމުގައެވެ. ބަލި ނުފެތުރޭނެ ގޮތަށް ފިޔަވަޅުތައް އަޅައިގެން އިންތިޚާބު ބާއްވަން ކުރަން ޖެހޭ މަސައްކަތްތަކުގެ ސަބަބުން މިހާރު އިންތިޚާބަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރަން ޖެހޭނެކަމަށްވެސް ޝަރީފު ވިދާޅުވެފައިވެއެވެ. އެގޮތުން މިހާރު ކަނޑައަޅާފައިވާ އަދަދަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރަށް ޚަރަދުކުރަން ޖެހޭނެކަމަށް ބުނެފައިވެއެވެ.

ރޭ އެޗްޕީއޭ އިން ގެޒެޓުކޮށްފައިވާ އުސޫލުގައި ވަނީ ބަލި ނުފެތުރޭނެ ގޮތަށް، ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުކޮށްފައެވެ. އިންތިޚާބަށް ކެމްޕޭން ކުރުމާއި، ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުން ތަމްރީނު ކުރުމުން ފެށިގެން ގޮސް ވޯޓުލާ ވަގުތުއާއި ވޯޓު ގުނާ ވަގުތުތަކުގައި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ވޯޓުލާ ވަގުތުތަކުގައި އޮފިޝަލުން ވީހާވެސް ކުދި ގްރޫޕުތަކަށް ބެހިގެން މަސައްކަތް ކުރުމަށް އިރުޝާދު ދީފައިވާއިރު، ވޯޓުލާ ވަގުތު ދިގު ކުރުމަށާއި ވޯޓުލާ މަރުކަޒުތައް އިތުރުކުރުމަށްވެސް ބުނެފައިވެއެވެ.

ހަމައެހެންމެ، ބައްޔަށް ފައްސިވެފައިވާ މީހަކު ނުވަތަ އެފަދަ މީހެއްގެ ކޮންޓެކްޓެއް ވޯޓުލުމަށް ބޭނުންވެއްޖެނަމަ އަމަލުކުރަން ޖެހޭގޮތްވެސް އުސޫލުގައި ބުނެފައިވެއެވެ. އެގޮތުން އެފަދަ ފަރާތްތައް މަރުކަޒަށް ރައްކާތެރިކަމާއެކު ގެނައުމަކީވެސް އިލެކްޝަންސްގެ ޒިންމާއެއްކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، މިކަން އީސީ އަށް ކުރެވެން ނެތްކަމަށްވެސް "މިހާރު" އަށް މައުލޫމާތު ދެމުން ޝަރީފު ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ