މި އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނާއި، މެލޭޝިޔާގެ ވެރިރަށް ކުއާލަ ލަމްޕޫރުގައި ވޯޓު ފޮށި ނުބެހެއްޓޭނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"އެލްސީއީ އަދި ޑަބްލިޔުޑީސީއީގެ ވޯޓު ފޮށި 10 އޭޕްރީލްގައި (ބަހައްޓަން) ލަންޑަން އަދި ކޭއެލް (ކުއާލަ ލަމްޕޫރު) ގެ ހުއްދަ ނުލިބޭނެކަން ޔަޤީންވެއްޖެ." ޝަރީފު ވިދާޅުވިއެވެ.
އިނގިރޭސިވިލާތާއި މެލޭޝިޔާ އަކީ ކިޔެވުމަށާއި، ދިރިއުޅުމަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ޤައުމުތަކެކެވެ. ހަމައެހެންމެ، އެއީ، މީގެ ކުރީގެ އިންތިޚާބުތަކުގައި ވޯޓު ފޮށި ބަހައްޓާ ދެ ޤައުމުކަންވެސް ފާހަގަކޮށްލެވެއެވެ.
މި ދެ ސިޓީގައި ވޯޓު ފޮށި ބަހައްޓަން ހުއްދަ ނުލިބޭނެކަން ޔަޤީންވެފައިވާކަމަށް އިލެކްޝަންސް އިން ވިދާޅުވެފައިވާއިރު، ކޮވިޑް ފެތުރެމުން ދިއުމުގެ ސަބަބުން މި ދެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތައް މި ފަހުންވަނީ އިތުރަށް ވަރުގަދަކޮށްފައިކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ލަންޑަން އޮންނަ އިންގްލެންޑް މިހާރުވެސް ލޮކްޑައުން ކޮށްފައި އޮތްއިރު އެ ލޮކްޑައުން އަށް ގޮތެއް ނިންމާނީ މި މަހުގެ 22 ހިސާބުގައެވެ.




