މަސްތުވާތަކެއްޗަކީ މުޖުތަމައުއަށް ވަރަށް ނުރައްކާތެރި އެއްޗެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ބުނެފިއެވެ.
ޝައިހް ޒައިދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ގަންޖާ އާ މަސްތުވާ ތަކެއްޗަކީ މުޖުތަމައުއަށް ވަރަށް ނުރައްކާތެރި އެއްޗެއް ކަމަށާއި އަދި އެއްވެސް ބޭފުޅަކު މަސްތުވާތަކެއްޗާ ކައިރިވާންވެސް ހެޔޮނުވާނެ ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރަލެއް ނުވިއްކޭނެ ކަމަށާއި، "ލަސް ވޭގަސް" އަށް މި ރާއްޖެ ހަދަން އުޅުނަސް އެކަމެއް ނުވާނެކަމަށް މީގެ ކުރިން ވެސް ޝައިހް ޒައިދު ވަނީ ވިދާޅުވެފައެވެ.
ޝައިހް މިހެން ބުނެފައި މިވަނީ، ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްގީ ކުރުމަށްޓަކައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކޭނެ ގޮތެއް ހޯދައިދޭން ޖެހޭކަމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވުމާއި ގުޅިގެންނެވެ.
އަބްދުﷲ ޝަހީމްގެ މިވާހަތަކަށް ރައްދު ދެއްވައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
މެމްބަރު ޝަހީމް ދެއްކެވި ވާހަކަތަކާއި ގުޅިގެން ޑރ އިޔާޒް ވިދާޅުވެފައިވަނީ ބަނގުރަލަކީ މާތްﷲ ހަރާމްކުރައްވާފައިވާ އެއްޗެއްކަމަށާއި އަދި ބަނގުރަލަކީ ހުރިހާ ނުބައިކަމެއްގެ މަންމަގެ ގޮތުގައި ކީރިތި ރަސޫލާ ސިފަކުރައްވާފައިވާ އެއްޗެއް ކަމަށެވެ. ޝަހީމްގެ ވާހަކަތަކަށް ރައްދުދެމުން ޑރ އިޔާޒް އިތުރަށް ވިދާޅުވީ، ރަށްތަކުގައި ބަނގުރާ އާއްމުކުރަން އުޅުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.



