ޕްރިންސް ހެރީ އާއި މޭގަން މާކަލްއަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން މިދެމަފިރިން އިއުލާންކޮށްފިއެވެ.
މި ޙަބަރު އިއުލާންކުރީ، ޕްރިންސް ހެރީ އާއި މޭގަންގެ ތަސްވީރެއް ހިއްސާކުރުމަށްފަހު ލޯބިވެރިންގެ ދުވަހުއެވެ. ހުދާއި ކަޅުގެ މި ތަސްވީރުގައި ހެރީގައި ފައިމަތީ މޭގަން ބޯއަޅާލައިގެން އޮންނަ މަންޒަރު ފެނެއެވެ. އަދި މި ތަސްވީރުގައި މޭގަން ބަނޑުބޮޑުކަންވެސް އެނގެއެވެ.
އިނގިރޭސިވިލާތު ޝާހީ އާއިލާގެ ލަޤަބުތަކާއި މަސްއޫލިއްޔަތުން އެއްކިބާވެފައިވާ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް އާއި އެމީހުންގެ ފުރަތަމަ ދަރިފުޅު އާޗީ، މިހާރު ދިރިއުޅެމުން އަންނަނީ ކެލިފޯނިއާގައެވެ.
މޭގަން އާއި ހެރީއަށް ދެވަނަ ދަރިއަކު ލިބެންއުޅޭއިރު، މިއީ އާޗީ ލިބުނު ފަހުން މޭގަން ބަލިވެ އިން ދެވަނަ ފަހަރެެވެ. މޭގަން ދެވަނަ ފަހަރަށް ބަލިވެ އިންއިރު، ބަލިވެ އިންދާ ބައިގެން ދިޔަކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ދެމަފިރިން ވަނީ ހާމަކޮށްފައެވެ.
މި ދެމަފިރިންގެ ދަރިފުޅު އާޗީ، އަށް މި އަންނަ މެއި މަހު ދެ އަހަރު ފުރޭނެއެވެ.
ޕްރިންސް ހެރީ އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން ލޯބިވެރިންގެ ދުވަހު އިއުލާންކުރި އިރު، 1984 ގައި ހެރީގެ މަންމަ ޕްރިންސަސް ޑަޔާނާ، ހެރީއަށް ބަލިވެ އިންކަންވެސް އިއުލާންކުރީ އެ އަހަރުގެ ލޯބިވެރިންގެ ދުވަހުއެވެ.
ޕްރިންސް ހެރީ އާއި މޭގަންއަށް ދެވެނަ ދަރިއަކު ލިބެ އުޅތީ މި ދެމަފިރިންވެސް ވަރަށް އުފަލުގައި ތިބިއިރު، މިހަބަރާއެކު، ކުއީން އެލިޒެބަތް އަދި މުޅި ޝާހީ އާއިލާވެސް ތިބީ ވަރަށް އުފަލުގައި ކަމަށް ޝާހީ އާއިލާގެ ތަރުޖަމާނަކު ވަނީ ބުނެފައެވެ.



