18 އަހަރުގެ ބަދަލުގައި 16 އަހަރުވުމުން ސައިކަލް ލައިސަސް ލިބޭ ގޮތް ޒުވާނުންނަށް ފަހިކޮށްދޭން ޖެހޭކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ، ލައިސެންސް ނެތި ޖޫރިމަނަކޮށްފައިވާ ޢުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެފައިވަނިކޮށެވެ.
ރަށްވެހި ފަތިސް ކެންޕެއިންގައި އަތޮޅުތަކުގެ ރަށްރަށަށް ސުވާލުކުރުމަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، 18 އަހަރު ނުފުރޭކުދިން ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާގެ މައްސަލައަށް ހައްލެއް ގެނައުމަށް ވަރަށް އަވަހަށް ފިޔަވަޅު ތަކެއް އަޅުއްވާނެކަމަށާ، އެހެންނަމަވެސް ލައިސަންސް ނެތި ސައިކަލު ދުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.
ޤަވާއިދާއި އެއްގޮތަށް ހުރިހާ ކުދިންވެސް އަދި މީހުންވެސް އުޅުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ލައިސަންސު ނެތި ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރީމަނާތަކާހެދި ޒުވާން ކުދިންނަށް ދިރިއުޅުން ނުފެށި ކައިވެނި ނުކުރެވޭވަރަށް މައްސަލަ ބޮޑުވުމަކީ ހައްލުކޮށްދޭންޖެހޭ ކަމެއްކަމަށެވެ.
މިކަމާއި ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ، 18 އަހަރުގެ ބަދަލުގައި 16 އަހަރުވުމުން ސައިކަލް ލައިސަސް ލިބޭ ގޮތް ޒުވާނުންނަށް ފަހިކޮށްދޭން ޖެހޭ ކަމަށާއި ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެސް 16 އަހަރުވުމުން ލައިސަންސް ދޫކުރާ ކަމަށެވެ.
"ލައިސަންސް ދޫކުރުން ހުއްޓުވާފައި ލައިސަންސް ނެތި ދުއްވާ ޒުވާނުން ޖޫރިމަނާކުރުމަކީ ހަމަޖެހޭ ކަމެއްނޫން." ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، ދިރިއުޅުމުގެ ޙާލަތު ހުރިގޮތުން ޒުވާނުން ޤާނޫނީ އިމުން ބޭރުވާން މަޖްބޫރުވެ ކުށްވެރިންނަށް ބަދަލުވާން ފުރުޞަތު ދެވިގެންނުވާނެ ކަމަށާއި އިޖުތިމާޢީ ޙާލަތަށް ބަލައި ގެންނަންޖެހޭ ޒަމާނީ ޙައްލު އަވަސްގޮތަކަށް ގެންނަންޖެހޭ ކަމަށެވެ.




