ފުލުހުންނަށް ހެކިބަސްދޭ މީހުންނަށް އިންޒާރުދީ ބިރުދެއްކި ކަމުގެ ތުހުމަތުގައި ޕީޕީއެމްގެ އެކްޓިވިސްޓު ޢަބްދުއްސަމަދު "ސަމަދުވެ" ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ޓީވީ ޗެނަލް އަކުން ގެނެސްދިން އިންޓަރވިއުއެއްގައި ފުލުހުންނަށް ހެކިބަސްދޭ މީހުންނަށް އިންޒާރުދީ ބިރުދެއްކި މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މިރޭ އުމުރުން 51 އަހަރުގެ ފިރިހެނަކު ޙައްޔަރުކުރެވިފައިވާކަމަށެވެ.
ސަމަދުބެ ޙައްޔަރުކޮށްފައިވަނީ ޗެނަލް 13 ދިން އިންޓަރވިއުއެއްގައި އޭނާ ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ. އިންޓަރވިއުގައި ވާހަކަ ދައްކަމުން ސަމަދުބޭ ބުނީ، މުޒާހަރާއިން އޭނާ ހައްޔަރުކުރީ، މަކަރާއި ހީލަތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އެންގެވި އެންގުވުމަކަށްކަމަށާއި، އަދި އެއީ ދިވެހި ފުލުހުން ހަޑި މުޑުދާރުކޮށް ހިންގި އަމަލެއް ކަމަށެވެ.
އޭނާ މަގުމައްޗަށް ނުކުމެ މުޒާހަރާގައި ބައިވެރިވަނީ، "މާތްވެގެންވާ އިސްލާމް ދީން ވެއްޔާ މޮޑެމުން ދާތީ" އެކަން ނިމުމަކަށް ގެނައުމަށްޓަކައި ކަމަށްވެސް ސަމަދުބެވަނީ ބުނެފައެވެ.
އަދި ފުލުހުންނަކަށް އޭނާ ނުހުއްޓުވޭނެކަމަށް ސަމަދުބޭ ބުނެފައިވާއިރު، ހައްޔަރުކުރުމަށް ފުލުހުންގެ ތެރެއިން ބަޔާން ދިން މީހުން ވަކި ވަކިން އޭނާއަށް އެނގޭކަމަށާއި، 2023 ވަނަ އަހަރު އަންނަ އެ ޕާޓީގެ ވެރިކަމެއްގައި ވަކި ވަކިން އެންމެން ކޮށާލާނެކަމަށް ބުނެ އޭނާ ހައްޔަރުކުރި ފުލުހުންނަށް މި އިންޓަރވިއުގައި އިންޒާރުދީފައިވާކަން ފާހަގަކޮށްލެވެއެވެ.
"ސަމަދުބެ" އަނެއްކާވެސް ޙައްޔަރުކޮށްފައިވަނީ މިއަދުގެ މުޒާހަރާގެ ތެރެއިންނެވެ.




