ޕީޕީއެމް ވެރިކަމެއްގައި ދިވެހި ފުލުހުން ކޮށާލާނެ ކަމަށް ބުނެ ފުލުހުންނަށް އިންޒާރުދިން "ސަމަދުބެ" ދޫކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، ސަމަދުބު ދޫކޮށްލާފައިވަނީ މުއްދަތު ޖަހަން މިއަދު ކޯޓަށް ޙާޟިރުކުރުމުންކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ސަމަދުބެ ފުލުހުން ޙައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ސަމަދުބެ ޙައްޔަރުކޮށްފައިވަނީ ޗެނަލް 13 ދިން އިންޓަރވިއުއެއްގައި އޭނާ ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ. އިންޓަރވިއުގައި ވާހަކަ ދައްކަމުން ސަމަދުބޭ ބުނީ، މުޒާހަރާއިން އޭނާ ހައްޔަރުކުރީ، މަކަރާއި ހީލަތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އެންގެވި އެންގުވުމަކަށްކަމަށާއި، އަދި އެއީ ދިވެހި ފުލުހުން ހަޑި މުޑުދާރުކޮށް ހިންގި އަމަލެއް ކަމަށެވެ.
އޭނާ މަގުމައްޗަށް ނުކުމެ މުޒާހަރާގައި ބައިވެރިވަނީ، "މާތްވެގެންވާ އިސްލާމް ދީން ވެއްޔާ މޮޑެމުން ދާތީ" އެކަން ނިމުމަކަށް ގެނައުމަށްޓަކައި ކަމަށްވެސް ސަމަދުބެވަނީ ބުނެފައެވެ.
އަދި ފުލުހުންނަކަށް އޭނާ ނުހުއްޓުވޭނެކަމަށް ސަމަދުބޭ ބުނެފައިވާއިރު، ހައްޔަރުކުރުމަށް ފުލުހުންގެ ތެރެއިން ބަޔާން ދިން މީހުން ވަކި ވަކިން އޭނާއަށް އެނގޭކަމަށާއި، 2023 ވަނަ އަހަރު އަންނަ އެ ޕާޓީގެ ވެރިކަމެއްގައި ވަކި ވަކިން އެންމެން ކޮށާލާނެކަމަށް ބުނެ އޭނާ ހައްޔަރުކުރި ފުލުހުންނަށް މި އިންޓަރވިއުގައި އިންޒާރުދީފައިވާކަން ފާހަގަކޮށްލެވެއެވެ.



