ފޯބްސްއިން ނެރުނު މިދިޔައަހަރު އެންމެ ގިނައިން އާމްދަނީ ލިބުނު ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ލިއޮނަލް މެސީ ހިމެނިއްޖެއެވެ.
ބާސެލޯނާގެ ކުރިއަށް ކުޅެމުން އަންނަ އުމުރުން 30 އަހަރުގެ ލިއޮނަލް މެސީއަށް މުސާރައާއި އެހެނިހެން ގޮތްގޮތުން މިދިޔައަހަރު ޖުމްލަ 127 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ފޯބްސްއިން ބުނެފައިވެއެވެ. މިއީ ދެވަނާގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯއަށްވުރެ 18 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. ފޯބްސްގެ ތަފާސް ހިސާބު ދައްކާގޮތުން ރޮނާލްޑޯއަށް މުސާރައާއި އެހެނިހެން ގޮތްގޮތުން މިދިޔަ އަހަރު ލިބިފައިވަނީ 109 މިލިއަން ޑޮލަރެވެ.

މިލިސްޓްގެ ތިންވަނާގައި ބްރެޒިލްގެ ތަރީ ނޭމާ ހިމެނޭއިރު ނޭމާއަށް 105 މިލިއަން ޑޮލަރު މިދިޔަ އަހަރު ލިބިފައިވެއެވެ. މުސާރައިގެ ގޮތުގައި ނޭމާއަށް 75 މިލިއަން ޕައުންޑު ލިބިފައިވެއެވެ. އަދި މިއީ ދެވަނަގައި އޮތް ރޮނާލްޑޯއަށް ލިބޭ މުސާރައަށްވުރެ 10 މިލިއަން ޕައުންޑު އިތުރު އަދަދެކެވެ. މެސީގެ މުސާރަ އުޅެނީ 92 މިލިއަން ޑޮލަރުގައެވެ.
ލިސްޓްގެ އެންމެ ކުރީގައި އުޅޭ ތިން ކުޅުންތެރިންނަށް ބަލާލާއިރު، މުސާރައިގެ އިތުރުން ލިބޭ އާމްދަނީ އެންމެ ގިނައިން ލިބިފައިވަނީ ރޮނާލްޑޯއަށެވެ. އެގޮތުން ރޮނާލްޑޯއަށް 44 މިލިއަން ޑޮލަރު ލިބިފައިވާއިރު މެސީއަށް ލިބުނީ 35 މިލިއަން ޑޮލަރެވެ. އަދި ނޭމާއަށް 30 މިލިއަން ޑޮލަރެވެ.
ފުޓުބޯޅަ ކުޅުންތެރިއެއްގެ އިތުރުން ދެން އެންމެ ގިނަ އާމްދަނީ އެއް ލިބުނީ މަޝްހޫރު ބޮކްސިން ތެރިޔާ ސައުލް ކަނޭލޯ އަލްވަރޭޒްއަށެވެ. ޖުމްލަ 94 މިލިއަން ޑޮލަރު އޭނާއަށް ލިބިފައިވާއިރު މުސާރަ ނޫން ފައިސާގެ ގޮތުގައި ލިބިފައިވަނީ 2 މިލިއަން ޑޮލަރެވެ. މާނައަކީ އޭނާއަށްވެސް މެސީއާ އެއްވަރުގެ މުސާރައެއް ލިބެމުން އަންނަކަމެވެ.

މިލިސްޓުގެ ފަސްވަނަ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޯޖާ ފެޑެރާއަށް ލިބޭއިރު ޖުމްލަ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު ފެޑެރާއަށް 93.4 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މުސާރަގެ އިތުރުން ލިބޭ އާމްދަނީ އެންމެ ގިނައިން ލިބުނީ ފެޑެރާއަށެވެ. މުސާރައިގެ އިތުރުން ލިބޭ އާމްދަނީގެ ގޮތުގައި ފެޑެރާއަށް 86 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
މީގެކުރިން 2018 ވަނަ އަހަރު ފޯބްސްއިން އިޢުލާންކުރި އެންމެ ގިނައިން އާމްދަނީ ލިބޭ ކުޅުންތެރިންގެ ލިސްޓުން މެސީއަށް ލިބިފައިވަނީ ދެވަނައެވެ. އެފަހަރު އެއްވަނަގައި ހިމެނުނު ފްލޯއިޑް މޭވެދާ މިފަހަރުގެ ލިސްޓްގެ ގަދަ 10 ގައިވެސް ނުހިމެނެއެވެ.
އެންމެ ގިނައިން އާމްދަނީ ލިބޭ ކުޅުންތެރިންގެ ލިސްޓުގެ ގަދަ 10
- ލިއޮނަލް މެސީ ( ފުޓްބޯޅަ ) - 127m ޑޮލަރު
- ކްރިސްޓިއާނޯ ރޮނާލްޑޯ ( ފުޓްބޯޅަ ) - 109m ޑޮލަރު
- ނޭމާ ( ފުޓްބޯޅަ ) - 105m ޑޮލަރު
- ސައުލް ކަނޭލޯ އަލްވަރޭޒް ( ބޮކްސިންގ ) 94m ޑޮލަރު
- ރޯޖާ ފެޑެރާ ( ޓެނިސް ) - 93.4m ޑޮލަރު
- ރަސެލް ވިލްސަން ( ފުޓްބޯޅަ ) – 89.5m ޑޮލަރު
- އޭރޮން ރޯޖާސް ( ފުޓްބޯޅަ ) 89.3m ޑޮލަރު
- ލެބްރޮން ޖޭމްސް ( ބާސްކެޓް ބޯލް ) - 89m ޑޮލަރު
- ސްޓެފަން ކަރީ ( ބާސްކެޓް ބޯޅަ ) - 79.8m ޑޮލަރު
- ކެވިން ޑުރަންޓް ( ބާސްކެޓް ބޯޅަ ) - 65.4m ޑޮލަރު



