ފޮޓޯ: ސަން އޮންލައިން

މާލޭގައި ކުރިއަށްދިޔަ ކައިވެނި ޕާޓީއެއް ފުލުހުން ހުއްޓުވައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޤައިޑުލައިންއާ ޚިލާފަށް ވެރިރަށް މާލޭގައި ކުރިއަށްދިޔަ ކައިވެނި ޕާޓީއެއް ފުލުހުން ހުއްޓުވައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ސަލްޓް ކެފޭގައި ކުރިޔަށްދިޔަ މިކައިވެނި ޕާޓީ ހުއްޓުވާފައިވަނީ މިއަދު ހަވީރު 05:30 ހާއިރުއެވެ. އަދި އެ ކެފޭ 5000 (ފަސްހާސް) ރުފިޔާއިން ޖޫރުމަނާ ކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ޕާތީ ހުއްޓާލުމަށް ފުރަތަމަ ފަހަރު އެންގިނަމަވެސް ޕާޓީ ހުއްޓާނުލައި ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އެހެންކަމުން ދެވަނަ ފަހަރަށް ގޮސް އަނެއްކާ ވެސް މިކައިވެނި ޕާޓީ ހުއްޓުވާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް މާލޭ ސަރަޙައްދުގައި ހަރުކަށި ފިޔަވަޅުތައް އެޅިފަހުން މާލޭގައި ޕާޓީ ބޭއްވުމުގެ ހުއްދަ ދޫނުކުރާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ވެރިރަށް މާލޭގައި ކާފިއު މިހާރުވެސް ހިންގަމުންދާއިރު، 10 މީހުންނަށްވުރެ ގިނަ މީހުން މާލެ ސަރަހައްްދުގައި އެއްވެ އުޅުންވަނީ މަނާކޮށްފައެވެ.  އަދި އެ ސަރަހައްދުގައި ރޭގަނޑު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކޮށްފައިވާއިރު، ޔުނިވަރރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމާއި، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓައިލުމަށްވެސްވަނީ އަންގާފައެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުންތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު މިހާރު ގެޒެޓްކޮށްފައިވާއިރު، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން އެޗްޕީއޭއިން އަންގާ އެންގުމަކަށް އަމިއްލަ ފަރުދަކު އަމަލު ނުކޮށްފި ނަމަ ނުވަތަ އެ އެންގުމަކާ ޚިލާފުވެއްޖެ ނަމަ، އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު -/1,000 (އެއްހާސް) ރުފިޔާއިން، ދެވަނަ ފަހަރު -/3,500 (ތިންހާސް ފަސްސަތޭކަ) ރުފިޔާއިން، ތިންވަނަ ފަހަރު -/7,500 (ހަތްހާސް ފަސްސަތޭކަ) ރުފިޔާއިން އަދި ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު -/10,000 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށް މިޢުޞޫލްގައި ވެއެވެ.

އަދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގާ އެންގުމަކަށް ޤާނޫނީ ޝަޚްޞަކުން ޢަމަލު ނުކޮށްފި ނަމަ ނުވަތަ
އެ އެންގުމަކާ ޚިލާފުވެއްޖެ ނަމަ، އެންގުމާ ޚިލާފުވާ ފުރަތަމަ ފަހަރު -/5,000 (ފަސްހާސް) ރުފިޔާއިން އަދި އެންގުމާ ޚިލާފުވާ ދެވަނަ ފަހަރު، -/25,000 (ފަންސަވީސް ހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށްވެސް މިޢުޞޫލްގައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ