މޯލްޑިވްސް ޕޮލިސް ސާރވިސްގެ 50 އިންސައްތަ މުުވައްޒަފުންނަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 50 އިންސައްތަ މުވައްޒަފުންނަށް މިހާތަނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ކަމަށެވެ.
އޭގެތެރޭގައި، އިއްޔެގެ ނިޔަލަށް މާލެ ސަރަހައްދުގައި މަސައްކަތްކުރާ 1676 މުވައްޒަފަކު ވެކްސިން ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ މެޑިކަލްގެ ބެލުމުގެދަށުން ފުލުހުންނަށް ވެކްސިން ދިނިމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް އެއްވެސް މުވައްޒަފަކު ވެކްސިން ނުޖެހުމުގެ ސަބަބުން ފިޔަވަޅު އަޅަން ނިންމާފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ފުލުހުން ދަނީ ވެކްސިން ޖަހަމުންކަން ފުލުހުން ވަނީ ފާހަގަ ކުރައްވާފައެވެ.
ފުލުހުން އަބަދުވެސް ތިބޭނީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށާއި، މިހާލަތު ބަދަލުކުރުމަށް ވެކްސިން ޖަހައި ރައްކާތެރި ވެގެން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.




