ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތ.ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ސަރުކާރާ އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރި ހަސަން މޫސާގެ ކެންޑިޑެސީ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް ސްޕްރީމް ކޯޓަށް ދިއުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަޙްމަދު ޝަރީފްއާއި ޙަވާލާދީ ސީއެންއެމްގައި ބުނެފައިވަނީ އެކޮމިޝަނުން އެމައްސަލަ ސްޕްރީމް އަލުން ކޯޓަށް ހުށަހެޅީ، ހަސަން މޫސާގެ ކެންޑިޑެސީ ޝަރުތު ހަމަނުވާތީ ބާތިލުކޮށްފައިވަނިކޮށް، އޭނާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމުން ސްޕްރީމް ކޯޓުން ހަސަން މޫސާއަށް ކައުންސިލް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ނިންމުމާއި ގުޅިގެން ކަމަށެވެ.
އަދި ހަސަން މޫސާގެ ކެންޑިޑެސީ އީސީން ގަބޫލްކުރިއިރު އޭނާގެ ސާބިތު ދަރަންޏެއް އޮތްކަން ލިޔެކިޔުމުން ފެންނަން އެބަހުރި ކަމަށްވެސް ޝަރީފްވަނީ ވިދާޅުވެފައެވެ.
އީސީން މިގޮތަށް ނިންމާފައިވަނީ ހަސަން މޫސާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބާޠިލްކުރީ ޤާނުނާ ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމުމާއި ގުޅިގެންނެވެ. މިމައްސަލައިގެ ހުކުމް އިއްވަވަމުންު އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ އިންތިޚާބަށް ކުރިމަތިލާތާ 48 ގަޑިއިރުގެ ތެރޭގައި ކެންޑިޑެސީ ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާއިރު، އެ މުއްދަތު ހަމަވުމަށް ފަހު މީހެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް އަމިއްލައަށް ބާތިލް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާކަމަށެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރީ އޭނާގެ ކެންޑިޑެސީ ބަލައިގަތްކަން އެންގުމަށްފަހު ސްޕްރީމް ކޯޓުގެ ހުކުމެއް ނެތިކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އިލެކްޝަން ކޮމިޝަނުން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލުކޮށްފައިވަނީ، މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. ހަސަން މޫސާގެ ކެންޑިޑެސީ އީސީން ބާޠިލްކޮށްފައިވަނީ ސާބިތު ދަރަންޏެއް އޮވެމެ ފޯމުގައި ދަރަނި ހަލާސްކޮށްފައިވާ ކަމަށް ބުނެ ދޮގު މައުލޫމާތު ހިމަނާފައިވާތީ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ފުރިހަމަނުވާކަމަށް ބުނެއެވެ.
ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ދެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާއިރު، އެއީ ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ހަސަން މޫސާ އާއި އެމްޑީޕީގެ ފަރާތުން ކުރިމަތިލި އަހްމަދު ރީހާންއެެވެ.
https://feshun.wonstasite.com/113737



