ހުޅުމާލޭގައި ފިހާރައެއް ފަޅާލައި ވައްކަން ކޮށްގެން ނިކުން ވަގުންނަށް ނިކުމެވުނީ ފުލުހުން ކުރިމައްޗަށެވެ.
ސޯޝަލް މީޑިއާގައި ދަޢުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ރޭގަނޑުގެ ވަގުތެއްގައި ފިހާރައަކުން ބަޔަކު ނިކުންނަ މަންޒަރެވެ. ފިހާރައިން ނިކުން މީހުން ހުރީ ބޮލާއި މޫނުވެސް ނިވާކޮށްގެންނެވެ. އެވަގުތު އެމީހުންނަށް ނިކުމެވުނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުންގެ ބަޔަކު އެ ހިސާބަށް އަރާހަމަވިތަނާ އެމީހުންގެ ކުރިމައްޗަށެވެ.
މި ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން ފެނުމުން އެމީހުންތައް ދުއްވައިގަނެއެވެ. ފިހާރައިން ނިކުމެފައި ވަނީ ހަތަރު މީހުންނެވެ. އޭގެ ތެރެއިން ދެމީހަކު ފުލުހުންގެ ކުރިމަތިން ދުއްވައިގެންފައިވާއިރު އަނެއް ދެމީހުން ވަނީ ފުލުހުންގެ ފަހަތަށް ދުއްވައިގެންފައެވެ.
އެމީހުން ދުއްވައި ގަތުމާއެކު އެމީހުން ފަހަތުން އެމީހުން އަތުލައިގަތުމައްޓަކައި ފުލުހުންވެސް ވަނީ ދުއްވައިގެންފައެވެ.
ހުޅުމާލޭގައި ވައްކަން ކޮށްފައި ވަނީ އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) ގެ ފިހާރައަކުންނެވެ. އެފިހާރައިން ވަނީ އެ މަންޒަރު ރެކޯޑްވެފައިވާ ވީޑިއޯ އާންމުކޮށްފައެވެ.
މި ވައްކަމާ ގުޅިގެން މިހާތަނަށް ފުލުހުން ވަނީ3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެއީ 23 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.




