"ޙައްޖަތުލްވަދާޢުގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ގޮވާލައްވާފައިވޭ"

ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ގޮވާލައްވާފައިވާކަމުގައި ކުރިގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ޞައީދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ އަންހެނުންގެ ދުވަހާއި ގުޅިގެން ޑރ. ޝަޙީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިސްލާމްދީނުގައި އަންހެނުންގެ މަޤާމު ވަނީ މަތިވެރިކުރައްވާފައިކަމަށާއި އަންހެނުންނާ މެދު އިސްލާމީ ޝަރީޢަތުގައި އުޞޫލީ އެއްވެސް ކަމެއްގައި ތަފާތުކަމެއް ނެތްކަމަށެވެ. އިސްލާމީ ނަޒަރުން ބަލާއިރު އަންހެނާއަކީ މުޖުތަމަޢުގެ އެއްބައިކަމަށާއި އަންހެނުންނަކީ މުޖުތަމަޢު ބިނާކުރުމުގެ މަސްއޫލިއްޔަތެއް އޮތް މުހިންމު ބައިވެރިއެއްކަމުގައި ޝަޙީމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަލްބަޤަރާ، އައްނޫރު، އަލްއަޙުޒާބު، އައްޠަލާޤު، މި ނޫން ވެސް އެތައް ސޫރަތެއްގައި އަންހެނުންގެ ޙައްޤުތައް އެތައް ގޮތަކުން ޙިމާޔަތްކުރައްވާފައިވާކަމަށާއި ކީރިތި ރަސޫލާގެ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ގޮވާލައްވާފައިވާކަމުގައިވެސް ޑރ. ޝަޙީމް ވަނީ ވިދާޅުވެފައެވެ.

އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކޮށްފައިވާ މިންވަރަށް އެހެން އެއްވެސް ވަޟުޢީ ފަލްސަފާއެއްގައި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކޮށްފައި ނުވާކަމަށް ވިދާޅުވެ ޑރ. ޝަޙީމް ވިދާޅުވީ ޤުރުއާނުގައި އަންހެނުންގެ ޙައްޤުތަކާ ގުޅޭ ވަކި ސޫރަތެއް، އައްނިސާއު ސޫރަތް (އައްނިސާގެ މާނައަކީ އަންހެނުން) ވާކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެންވާ ފުރިހަމަ ޙައްޤުތައް ލިބިގެން ކަނބަލުން ޤައުމާއި މުޖުތަމަޢު ބިނާކުރުމަށް ޢަޒުމު ކަނޑައަޅަންޖެހޭކަމަށާއި އިސްލާމްދީނުގައި އަންހެނުންނަށް ވަނީ މަތިވެރި މަޤާމެއް ދެއްވައި ޢިއްޒަތްކުރައްވާފައިކަމަށެވެ.

"އެ ޙައްޤުތައް އުނގެނި އެ ޙައްޤުތައް މުޖުތަމަޢުގައި ފަތުރަންޖެހޭ" ޑރ. ޝަޙީމް ވިދާޅުވިއެވެ.

ދައުލަތާއި އުންމަތުގެ މުހިންމު ކަންކަމުގައި ރަސޫލާއާއި ހަތަރު ޚަލީފާއިންނަށް ކަނބަލުން މަޝްވަރާ އަރުއްވާފައިވާކަމަށްވެސް ޑރ. ޝަޙީމް ވިދާޅުވެފައިވެއެވެ. އަދި އެކަނބަކުން ދެއްވާ މަޝްވަރާ ރަސޫލާއާއި ހަތަރު ޚަލީފާއިން ވެސް އައްސަވައި އެއަށް ޢަމަލުފުޅުވެސް ކުރެއްވި ކަމުގައި ޝަޙީމް ވިދާޅުވިއެވެ.

ޝަޙީމް އިތުރަށް ވިދާޅުވެފައި ވަނީ އަޅުގަނޑުމެންނާ ހަމައަށް އިސްލާމްދީނާއި ފިޤުހު ޢިލްމު ފޯރުކޮށްދެއްވި އެންމެ އިސް ޢިލްމުވެރިޔަކީ އިތުރު އެކަލޭގެފާނުގެ ލޮބުވެތި އަނބިކަބަލުން އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާކަމަށާއި މަދީނާގެ ހިޖުރައިގައި، ޘައުރު ފަރުބަދައިގައި ތިން ދުވަހު މަޑުކުރެއްވި އިރު، އިތުރު އެކަލޭގެފާނަށް އެ ބިރުވެރި ޙާލަތުގައި ސިއްރިޔާތުގައި ފަރިއްކޮޅު ގެންގޮސްދެއްވީ ހިއްވަރުފުޅުގަދަ އަންހެން ޞާހިބާ އަސްމާއު ބިންތި އަބީބަކުރުކަމަށެވެ.

މީގެ އިތުރުންވެސް ޚަދީޖާ (رضي الله عنها) އަކީ ބައިނަލްއަޤުވާމީ ގޮތުން ވިޔަފާރިކުރެއްވި ކަނބަލެއްކަމަށާއި އެކަމަނާގެ ވިޔަފާރި ޤާފިލާތައް ޝާމުކަރައާއި ޔަމަނަށް ދަތުރުކުރިއިރު، ޞަޙާބީ ބޭކަނބަލުންގެ ތެރޭގައި ވިޔަފާރިއާއި، އަތްތެރި މަސައްކަތާއި ދަނޑުވެރިކަމާއި ބޭސްވެރިކަން ކުރައްވި ކަނބަލުން ތިއްބެވިކަމުގައި ޑރ. ޝަޙީމް ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ