ޗައިނާގެ ވެރިރަށް ބެއިޖިންގް އަށް ވެލީގެ ތޫފާނެއް އަރައި މުޅި ބެއިޖިންގް މަލަމަތި ހިރަފުހުން ފުރާލައިފިއެވެ.
ޗައިނާގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތު ދޭގޮތުގައި މިއީ ފާއިތުވެދިޔަ 10 އަހަރުތެރޭވެސް އެގައުމަށް ކުރިމަތި ނުވާވަރުގެ ވަރުގަދަ ވެލީގެ ތޫފާނެކެވެ.
ވެލީގެ ތޫފާނާއި ގުޅިގެން ބެއިޖިންގެ ވައިނުސާފު މިންވަރު ހުއްނަންވާ މިންވަރަށްވުރެ އެތައް ގުނައެއް މައްޗަށް ގޮސްފައިވާއިރު ފުލައިޓުތަކާއި ސްކޫލްތައްވެސްވަނީ ބަންދުކޮށްފައެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގްގެ އިތުރުން އިތުރު 12 ޕްރޮވިންސަކަށްވެސްވަނީ މި ވެލީގެ ތޫފާނުގެ އަސަރުކޮށްފައެވެ. މޫސުން ރަނގަޅުވެ ވައިސާފުވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރަނީ މިރޭގެ ވަގުތެއްގައެވެ.
ޗައިނާގެ ވެރިރަށުގެ އިތުރުން އިތުރު 12 ޕްރޮވިންސަކަށް ވެލީގެ ތޫފާނުގެ އަސަރު ކޮށްފައި މިވަނީ އަވަށްޓެރި މޮންގޯލިއާއަށް އެރި ވެލީގެ ތޫފާނުގައި ހަމީހުން މަރުވެ އެތައް ބަޔަކު ވީނުވީތަނެއް ނޭންގި ގެއްލިފައި ވަނިކޮށެވެ.




