ކޮވިޑް-19 އަށް ޕޮޒިޓިވްވި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ހުންނެވީ މާރިޗު 17 އިން ފެށިގެން ކަރަންޓީންގައިކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ ދަތުރު ކުރުމަށްޓަކައި މާރިޗު 17 ވަނަ ދުވަހު ޕީސީއާރު ޓެސްޓް ހެދުމުންކަމަށާއި، އެދުވަހުން ފެށިގެން މި ހުންނަވަނީ ކަރަންޓީންގައި ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ޝިޔާމްއަށް އެއްވެސް ކަހަލަ އުނދަގުލެއް އަދި ބަލީގެ އަލާމާތެއްވެސް ނުފެެންނަ ކަމުގައި ޝިޔާމް ވިދާޅުވެފައިވެއެވެ.
"އެއްވެސް ކަހަލަ އުނދަގުލެއް އަދި ބަލީގެ އަލާމާތެއްވެސް ﷲގެ ރަޙްމަތްފުޅުން ނެތް" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވަނީ ހުރިހާ ބޭފުޅުންގެ ހެޔޮ ދުޢާގެ މެސެޖްތަކަށް ޝުކުރު ދަންނަވާފައެވެ.
Travel kurumahtakai March 17 vana dhuvahu PCR testeh hedhumun engunee positivekan. 17 in feshigen mihunnanee quarantine gai. Evves kahala undhaguleh adhi baleege alaamaathehves Allah ge rahumaiyfulhun neiy. Huriha beyfulhunge heyo du'a ge message thakah shukuru dhannavan.
— Ahmed Shiyam (@Shiyamaldives) March 22, 2021
ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ޝިޔާމް ވަނީ އެކަން މިއަދު މަޖިލީހަށް ރަސްމީކޮށް އަންގާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެކަން ވަނީ މީޑިއާތަކަށް އަންގާފައެވެ.
ޝިޔާމްގެ އިތުރުން ދާދި ފަހުން ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.



