އިންޑޮނޭޝިއާގައި ނަސޯރާއިން އަޅުކަންކުރާ ފައްޅިއެއް ކައިރީ ބޮމެއް ގޮއްވާލައި ގިނަބަޔަކު ޒަހަމްކޮށްލައިފިއެވެ.
މިހާދިސާ ހިނގައިފައިވަނީ އިންޑޮނޭޝިއާ ގަޑިން މިއަދު ހެނދުނު 10:30 ހާއިރުއެވެ. މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި މިހާދިސާ ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ޖާނުންފިދާވުމުގެ ހަމަލާއެކެވެ.
ފައްޅިކައިރީ ބޮން ގޮއްވާލައިފައިވަނީ ސައިކަލުގައި އައި ދެމީހުން ކަމަށާއި މި ދެމީހުން ފައްޅިއަށް ވައްނަން އުޅެ ނުވަދެވުމުން ފައްޅި ބޭރުގައި ބޮން ގޮއްވާލީކަމަށް މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.
ފުލުހުން ވިދާޅުވީ ބޮން ގޮއްވާލި ސަރަހައްދުން ސައިކަލުގެ ބައިތަކަކާއި އަދި އިންސާނުންގެ ބަޔެއް ގުނަވަންތައްވެސް ފެނިފައިވާ ކަމަށެވެ. މިހާދިސާގައި ޖާނުންފިދާވެގެން ބޮން ގޮއްވާލި ދެމީހުން ފިޔަވައި އިތުރު މީހަކު މަރުވެފައެއް ނުވެއެވެ. ނަމަވެސް މިހާދިސާގައި 14 މީހަކުވަނީ ޒަހަމްވެފައެވެ.
މިހާދިސާއާއި ގުޅިގެން އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވީ، މިއީ ނިރުބަވެރި ހަމަލޭއެއް ކަމަށާއި މި ހަމަލާދިނުމުގައި ބައިވެރިވާ އެންމެހާ ފަރާތްތައް ހޯދުމަށް ފުލުހުންނަށް އަމުރުކުރާ ކަމަށެވެ.
އިންޑޮނޭޝިއާގައި މީގެކުރިންވެސްވަނީ ނަސާރާއިން އަޅުކަންކުރާ ފައްޅިތަކަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ. މިފަދަ ހަމަލާތައް ދޭކަމަށް ތުހުމަތު ކުރެވެނީ ދީނީގޮތުން ހައްދުފަހަނައަޅައިފައިވާ ޖަމާއަތްތަކެވެ. ނަމަވެސް މިއަދުގެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.