ފުރާންސުން މާލީގައި ދިން ވައިގެ ހަމަލާއެއްގައި އާމުންގެ ތެރެއިން 19 މީހަކު މަރުވެފައިވާކަމަށް އ.ދ އިން ބުނެފިއެވެ.
މާލީގައި ހަރަކާތްތެރިވާ އ.ދ މިޝަންގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޑިވިޝަންއިންބުނީ ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ފުރާންސު ސިފައިން މި ހަމަލާދީފައިވަނީ ކައިވެނި ހަފުލާއަކަށް ޖެނުއަރީ ތިންވަނަ ދުވަހު ކަމަށެވެ.
ފުރާންސުގެ އަސްކަރިއްޔާއިން މީގެކުރިން ބުނެފައިވަނީ، ޖެނުއަރީ ތިންވަނަ ދުވަހު ފުރާންސުން ހަމަލާދީފައިވަނީ ހަނގުރާމަވެރިންތަކަކަށް ކަމަށާއި މި ހަމަލާގައި ހަނގުރާމަވެރިންގެ ތެރެއިން 30 މީހުން މަރުވެފައިވާކަމަށެވެ.
ފުރާންސުގެ އަސްކަރިއްޔާގެ މިވާހަކަތައް ދޮގުކޮށް އ.ދ މިޝަންގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޑިވިޝަންއިން ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ، ރިޕޯޓް އެކުލަވާލައިފައިވަނީ ހަމަލާދިން ސަރަހައްދަށް ދަތުރުކޮށް 400 އަށްވުރެ ގިނަމީހުންގެ ބަސްތީގަތުން ހޯދައިގެން ކަމަށެވެ. މީގެއިތުރުން ހަމަލާދިންތަނުގެ ސެޓްލައިޓް ފޮޓޯތައްވެސް ބަލައިފައިވާނޭ ކަމަށެވެ.
އ.ދ މިޝަންގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޑިވިޝަންއިން ފުރާންސް އަސްކަރިއްޔާއިން މާލީގައި ދިން ވައިގެ ހަމަލާއެއްގެ ތަހުގީގީ ރިޕޯޓް ނެރެފައިވަނީ މިމަހު25 ވަނަ ދުވަހުވެސް ފުރާންސް އަސްކަރިއްޔާއިން ދިން މިފަދަ ވައިގެ ހަމަލާއެއްގައި އާމުންގެ ބަޔަކު މަރުވެފައި ވަނިކޮށެވެ.
ފުރާންސް އަސްކަރިއްޔާއިން މި ހަމަލާއަށްފަހުވެސް ބުނެފައިވަނީ ހަމަލާ އަމާޒުކޮށްފައިވަނީ ހަނގުރާމަވެރިންނަށް ކަމަށެވެ. ނަމަވެސް ހަމަލާ ދެވުނު ސަރަހައްދުގެ އާމުން ބުނެފައިވަނީ ހަމަލާ އަމާޒުވީ ޝިކާރަކުރަން ނިކުމެ އުޅުނު ޒުވާނުން ތަކަކަށް ކަމަށެވެ. މި ހަމަލާގައި 6 މީހުން މަރުވެފައި ވެއެވެ.