އިރެލޭންޑާގެ "ގާލްވެ" އިން "ޑަބްލިން" އަށް ދަތުރުކުރަމުންދިޔަ ޓްރެއިންއެއްގެ ތެރޭގައި ވިހި އަންހެނެއްގެ ދަރިފުޅަށް ، ހަދިޔާއެއްގެ ގޮތުން 25 އަހަރު ވަންދެން އެ ރޭލުން ދަތުރުކުރެވޭނެގޮތް ހަމަޖައްސައިދީފިއެވެ.
އެ ރޭލުގެ ތެރެއަށް އެ އަންހެންމީހާ ވިހާފައިވާއިރު، އެވަގުތު އެ ރޭލުގެ ތެރޭގައި ތިބި ޑޮކްޓަރަކާއި، 2 ނަރުހުންނާއި ، ޓުއުރިސްޓި އަންހެނެއް ވަނީ އެ އަންހެން މީހާއަށް އެހީވެދީފައެވެ.
ޑޮކްޓަރު "އެލަން ޑެވިން" ބުނިގޮތުގައި، ރޭލުގެ ތެރޭގައި ކަމެއް ވެގެން އުޅޭކަން އެނގުނީ ކުއްލިއަކަށް ރޭލު ހުއްޓުމުންނެވެ.
އަދި ކައިރީގައި ހުރި ފަސިންޖަރެއް ވެގެން އުޅޭ ގޮތާ ކިޔައިދިނުމުން، އަންހެންމީހާކައިރިއަށް އޭނާއަށް ދެވުނުއިރު، ދެ ނަރުހުންނާއި އަދި އެހެން އަންހެންމީހެއް އެހީވަމުން ދިޔަކަމަށް ޑޮކްޓަރު ޑެވިން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.
އެވަގުތު ޑޮކްޓަރުއަތުގައި އޮތީ ހަމައެކަނި ޕްލާސްޓިކް އަންގިއެކެވެ. ޑޮކްޓަރު އަދި ނަރުހުންގެ އެހީގައި އެ އަންހެންމީހާ ވިހާފައިވާއިރު، ވިހެއުމުގެ ތެރެއިން އަންހެން މީހާއަށް އަދި ދަރިފުޅަށްވެސާ އެއްވެސް ގެއްލުމެއް ލިބިފައިނުވެއެވެ.
ޑޮކްޓަރު ޑެވިން ބުނީ، އެވަގުތު ކޮޅު ވަރަށް ބިރުގަތް ކަމަށާއި ނަމަވެސް ކުއްޖާ ވިހެއުމަށްފަހު، ރޯން ފެށި އަޑު އިވުމުން ހުރިހާކަމެއްވެސް ރަނގަޅުވާނެކަން އެނގުނުކަމަށެވެ.
އެ އަންހެންމީހާ ވިހާފައިވަނީ އަންހެންކުއްޖެކެވެ.



