ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދެއްވުމަށް ހިންގަވާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތް ކޮށްފައިވާ 6720 ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުޢަތުލުން ބުރަސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވެއްޖެއެވެ.
ފްލެޓްތަކުގެ ގުރުއަތުލުމުގެ މަސައްކަތް ކުރުމަށް ސަރުކަރުން ހަވާލު ކޮށްފައި ވަނީ އެޗްޑީސީއާއިއެވެ.
އެޗްޑީސީން ވިދާޅުވީ ހިޔާ މަޝްރޫޢުގެ ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުޢަތެއްލައި، އެފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަރުކާރުން އެކޯޕަރޭޝަނާއި ހަވާލުކޮށްފައިވާކަމަށެވެ.
އެގޮތުން އެޗްޑީސީން ވިދާޅުވީ ފްލެތްތަކުގެ ގުރުއަތުލުން 8 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާކަމަށާއި، އެންމެ ފުރަތަމަ ގުރުޢަތު ނަގާނީ H10 (ޙާއްޞައެހީއަށް ބޭނުންވާ މީހުން) ގެ ކެޓަގަރީ ކަމަށެވެ.
ގުރުޢަތު ނެގުން ފެށުމަށް ހަމެޖެހިފައި ވަނީ 8 އޭޕްރީލް 2021 (ބުރާސްފަތި) ދުވަހުގެ ހެދުނު 9:00 ގައެވެ. އަދި 110 ކެޓަގަރީ ލިސްޓުގައިވާ އެންމެންގެ ގުރުޢަތު ނަގައިނިމެންދެން ގުރުއަތުލުން ކުރިޔަށްދާނެއެވެ. ގުރުޢަތު ނަގާނީ، މި ކެޓަގަރީ އިން ފުލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތް ތަކުގެ އައި.ޑީ ކާޑުގެ ނަމްބަރު ތަރުތީބުންނެވެ.
ގުރުއަތު ނެގުމަށް ހަމަޖެހިފައި ވަނީ ފުލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ޖެހުމަށްފަހު ފޮއްޓަކަށް އަޅައި ލިސްޓްގައި ހިމެނޭ ފަރާތް
ތަކުގެ އައި.ޑީ.ކާޑު ނަމްބަރު ތަރުތީބުންނެވެ.
ގުރުއަތު ނެގުމުގެ މަސައްކަތް ދަޢުލަތުގެ މީޑިއާ ޕީ.އެސް.އެމް އިން ލައިވް ކޮށް ދައްކަމުން ގެންދާނެކަމަށާއި މީޑިއާގެ އެހެން ވަސީލަތް ތަކުންވެސް ލައިވް މަންޒަރު ދެއްކުމަށް މަސައްކަތް ކުރާނެކަމުގައި އެޗްޑީސީން ވިދާޅުވެފައިވެއެވެ. އަދި މިދުވަސްވަރަކީ ކޮވިޑްގެ ދުވަސްވަރު ކަމަށްވާތީ HPA ގެ ގައިޑްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން ގުރުޢަތު ނަގާ ހޯލަށް ދަޢުވަތުދެވިގެންވަޑައިގަންނަވާ އޮބްޒާވަތުންނަށް ވަނުމުގެ ފުރުޞަތު ދެވޭނެ ކަމުގައި ވެސް އެފަރާތުން ވިދާޅުވެއެވެ.
އެޗްޑީސީން ވިދާޅުވީ ގުރުޢަތު ނަގާއިރު، ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ފެންނާނެކަމަށާއި މީގެ އިތުރުން ފުލެޓް ލިބުނު ފަރާތުން ދެއްވާފައިވާ ފޯނުނަމްބަރަށް SMS އެއް ލިބިލައްވާނެކަމަށެވެ. މި SMS ގައި ނެގުނު ފުލެޓް، ޓަވަރު، ފުލޯ ހިމެނިފައިވާއިރު އެ މެސެޖްގައިވާ ލިންކަށް ކްލިކް ކޮއްލުމުން ގުރުއަތުން ނެގުނު ފުލެޓްގެ އިތުރު މަޢުލޫމާތު ލިބެނެއެވެ.
ގުރުޢަތަށްފަހު ލިބުނު ފުލެޓްގެ އެގްރީމެންޓްގައި ސޮއި ކުރުމާއި، ފުލެޓްގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް ފަހުން އިޢުލާނު ކުރެވޭނެކަމުގައި އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.




