އިންޑިއާގެ އަންހެން ލޯޔަރަކާއި، ޕްރިންސް ހެރީ އިންނާނެކަމަށް ބުނެ ވައުދުވެ، ފަހުން ވައުދު އުވާލި މައްސަލައެއްގައި ޕްރިންސް ހެރީ އާއި ދެކޮޅަށް މައްސަލައެއް ކޯޓަށް ހުށައަޅައިފިއެވެ.
މި މައްސަލައިގައި މި ޤާނޫނީ ވަކީލު އެދިފައިވަނީ ޕްރިންސް ހެރީ ހައްޔަރުކުރުމަށެވެ. ކައޫރް ނަމަކަށް ކިޔާ މި އަންހެން ވަކީލު މި މައްސަލައިގައި ވަކާލާތު ކޮށްފައިވަނި އަމިއްލައަށެވެ.
ކައޫރު ބުނެފައިވަނީ، އޭނާ އާއި ޕްރިންސް ހެރީ އާއި ދުވަހަކުވެސް ދިމާވެފައި ނުވާކަމަށެވެ. ދެމީހުން މުއާމަލާތްކޮށްފައިވަނީ، މީސްމީޑިއާ އާއި އީމެއިލް މެދުވެރިކޮށް ކަމަށް އޭނާ ބުނެފައިވެއެވެ. އެގޮތުން ކޯޓަށް ހުށައެޅި ޕެޓިޝަންގައި އެ އީމެއިލްތައްވެސް އޭނާ ވަނީ އެޓޭޗް ކޮށްފައެވެ. މީގެ އިތުރުން ހެރީގެ ބައްޕަ ޕްރިންސް ޗާލްސްއަށް އޭނާ އާއި ކައިވެނި ކުރާނެކަމަށް ހެރީ ބުނިކަން އަންގާފައިވާކަމަށްވެސް އޭނާ ކޯޓުގައި ވަނީ ބުނެފައެވެ.
ނަމަވެސް ކޯޓުން ކައޫރް ދެއްކި ވާހަކަތައް ބަލައިގަނެފައި ނުވެއެވެ. ސަބަބަކީ، ޕްރިންސް ހެރީ އާއި ކައޫރް އާއި ދެމެދު ވާހަކަދެކެވިފައި ކަމުގެ ހެކި ނެތުމުންނެވެ. އަދި އެހެންކަމުން ދެމީހުން ދިމާނުވެ، ވާހަކަ ދައްކާފައިވަނީ މީސްމީޑިއާއިން ކަމަށްވާއިރު، ފޭކް އައިޑީ އަކުން އޮޅުވާލައިގެން ޕްރިންސް ހެރީއަށް ވެގެން މީހަކު ވާހަކަ ދެއްކުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ކޯޓުން ބުނެފައިވެއެވެ.
މީގެ އިތުރުން، ޕްރިންސް ހެރީ އާއި ކައޫރް އާއި ދެމެދު ވާހަކަ ދެކެވުނު ކަމަށް ބުނެ ހުށައެޅި އީމެއިލް އަކީ އަސްލެއް ނޫންކަމަށް ކޯޓުން ބުނެފައިވެއެވެ. ސަބަބަކީ، އޭގެ ބޮޑުބައެއް ވަނީ ފޮހެލާފައި ކަމަށް ކޯޓުން ބުންޏެވެ.



