އަފްގާނިސްތާނުގެ ނެންގާހާރް ޕްރޮވިންސުގައި ބަޑިން ހަމަލާދީ އެއް އާއިލާގެ 8 މީހުން މަރާލައިފިއެވެ.
ކާކުކަމެއް ނޭންގޭ މީހަކު އައިސް ބަޑިން ހަމަލާދީ އެއް އާއިލާގެ 8 މީހުން މަރާލިއިރު އެ 8 މީހުން ތިބީ ތާރާވީހު ނަމާދު ކުރުމަށްކަމަށް މައުލޫމާތު ލިބެއެވެ.
ނެންގާހާރް ޕްރޮވިންސުގެ ޖަލާލްއާބާދުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި މިހާދިސާ ހިނގަން މެދުވެރިވެފައިވަނީ ބިމުގެ މައްސަލައަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބޭކަމަށް ނެންގާހާރް ޕްރޮވިންސުގެ ގަވަރނަރު މައުލޫމާތު ދެއެވެ.
ބިމުގެ މައްސަލަތަކުގައި ހިނގާ ތަޅާފޮޅުންތަކަކީ އަފްގާނިސްތާނުގައި އާންމު ކަމެކެވެ. މިފަދަ މައްސަލަތަކުގައި އުފެދިފައިވާ ދެބަސްވުން އެތައް އަހަރަކަށް ދިގުދެމިގެން ގޮސް އާއިލާތަކުގެ ތަޅާފޮޅުމަކަށްވެސް ބަދަލުވެގެން ދެއެވެ.
ނެންގާހާރް ޕްރޮވިންސުގައި މިދިޔަ އަހަރުގެ އޭޕްރީލްމަހު ހިނގި މިފަދަ ތަޅާފޮޅުމެއްގައިވެސް ގަބީލާތަކަށް ނިސްބަތްވާ މީހުންގެ ތެރެއިން ހަމީހަކު މަރުވެ 20 މީހުން ޒަހަމްވެފައި ވެއެވެ. މި ތަޅާފޮޅުން ގިނަ ދުވަސްތަކަކަށް ދިގުދެމިގެން ގޮސްފައި ވެއެވެ.
ނެންގާހާރް ޕްރޮވިންސަކީ ތޯލިބާނު ހަނގުރާމަވެރިންގެ ބާރު ގަދަ ޕްރޮވިންސެކެވެ. އަދި މި ޕްރޮވިންސުގެ ބިމަކީ އަފްގާނިސްތާނުގައި ދަނޑުވެރިކަމަށް އެންމެ މޮޅު ބިންތައްކަމަށް މައުލޫމާތު ލިބެއެވެ.