ސީރިއާގެ އެންޓި އެއާކްރާފްޓް މިސައިލެއް އިސްރާއިލްގެ ސިއްރު ނިއުކުލިއާ ސައިޓެއް ކައިރިއަށް ވެއްޓި ގޮވައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި މި މިސައިލް ގޮވި ސަރަހައްދާއި ނިއުކުލިއާ ސައިޓާ ދެމެދު ހުރި ދުރުމިނަކީ 30 ކިލޯމީޓަރެވެ. މި ހަމަލާގެ ސަބަބުން މި ސައިޓަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އިސްރާއިލްގެ އަސްކަރިއްޔާއިން ބުނީ މި މިސައިލްއަކީ އިސްރާއިލްގެ ހަނގުރާމަމަތީ މަތިންދާބޯޓަކަށް އަމާޒުކޮށް ސީރިއާއިން ފޮނުވާލި އެންޓި އެއާކްރާފްޓް މިސައިލްތަކުގެ ތެރެއިން އެއް މިސައިލް ކަމަށެވެ.
ސީރިއާއިން އިސްރާއިލްގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފައިވާއިރު ރައްދުގައި އިސްރާއިލުންވަނީ ސީރިއާގެ އެއާޑިފެންސް ބެޓަރީތަކަކަށް ހަމަލާދީފައެވެ.
ސީރިއާގެ އަސްކަރިއްޔާއިން ބުނީ، ދިމިސްކުގެ އެކިއެކި ސައިޓުތަކަށް އިސްރާއިލްގެ މިސައިލް ހަމަލާ އަމާޒުވެފައިވާ ކަމަށާއި ގިނަ މިސައިލްތަކެއް ވައިގެތެރޭ ގޮއްވާލައިފައިވީނަމަވެސް ބަޔެއް މިސައިލްތައް އަމާޒައް ވާސިލްވެފައިވާ ކަމަށެވެ. މި މިސައިލް ހަމަލާތަކުގެ ސަބަބުން ސީރިއާ ސިފައިންގެ ތެރެއިން ހަތަރުމީހަކުވަނީ ޒަހަމްވެފައެވެ.
އިސްރާއިލުން ސީރިއާގެ އެކި ސަރަހައްދުތަކަށް ދޭތެރެ ދޭތެރެއިން އައްނަނީ ވައިގެ ހަމަލާތައް ދެމުންނެވެ. އިސްރާއިލުން ބުނަނީ މި ހަމަލާތަކަކީ އީރާނުގެ މަދަދާއެކު ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް އަމާޒުކޮށްދޭ ހަމަލާތަކެއް ކަމަށެވެ.
ސީރިއާ އިން ރޭ އިސްރާއީލަށް ފޮނުވާލި މިސައިލް އަކީ އެސްއޭ5 މަރުކާގެ މިސައިލެކެވެ. އަމާޒަށް ފޯރުމުގެ ކުރިން މިސައިލް ވައްޓާލުމުގައި އިސްރާއީލުގެ ސިފައިންވަނީ ނާކާމިޔާބު ވެފައެވެ.




