މިއަހަރު މިހާތަނަށް އެންމެ މަދުން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އިއްޔެއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފައިވަ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އެންމެ 1629 ފަތުރުވެރިންނެވެ. މިއީ މިއަހަރު މިހާތަނަށް އެންމެ މަދުން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ދުވަހެވެ. މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 5516 އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަށް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 381،419 ފަތުރުވެރިޔަކު ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. އެއީ ޖެނުމަރީ މަހު ޒިޔާރަތްކުރި 92،103 ފަތުވެރިން، ފެބްރުއަރީ މަހު ޒިޔާރަތްކުރި 96،882 ފަތުރުވެރިންގެ މާރޗް މަހުގެ 109،585 ފަތުރުވެރިންނާއި މިމަހު މިހާތަނަށް ޒިޔާރަތްކުރި 82،849 ފަތުރުވެރިންނެވެ.
ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއްކަމުގައި ވީނަމަވެސް ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ކޮވިޑް-19 އާއި ގުޅިގެން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އެގޮތުން 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 2020 ވަނަ އަހަރު މިއަދަދު ވަނީ 555،494 އަށް ވެއްޓިފައެވެ.
މިތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އަވައްޓެރި އިންޑިއާއިންނެވެ. އެގޮތުން މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 22.4 ޕަސެންޓް ފަތުރުވެރިންނަކީ އިންޑިއާގެ ފަތުރުވެރިންނެވެ. ދެވަނާގައި އުޅޭ ރަޝިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ ޕަސެންޓަކީ 21.6 ކެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ވެއްޓިފައިވާއިރު، އެއްވަނަ މާރކެޓްކަމަށްވާ އިންޑިއާއިން ރާއްޖޭގެ ދިވެހިރާއްޖޭގެ ގެސްޓްހައުސްތަކަށާއި ސިޓީ ހޮޓާތަކަށް އަންނަ ފަތުރުވެރިން އައުން އެޗްޕީއޭއިންވަނީ މަނާކޮށްފައެވެ.
އެޗްޕީއޭއިން ނެރެފައިވާ އެންގުމުގައި ވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން، ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ ފަތުރުވެރިންވެސް ހިމެނޭގޮތަށް ދިވެހިރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާ ތަކަށް ޗެކްއިން ވުން ހުއްޓައިލުންމަށް އަންގާފައެވެ. ނަމަވެސް މިހާރު މިފަދަ ތަންތަނުގައި ޗެކްއިން ވެފައި ތިބި އިންޑިއާއިން ދަތުރުކޮށްފައިވާ ފަތުރުވެރީންނަށް ބުކިންގ ހަދައިފައިވާ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.
އެޗްޕީއޭ އިން މި ގޮތަށް އެންގި ނަމަވެސް މީހުން ދިރިއުޅޭތަންތަނާ މުޅިން ވަކިން ހުންނަ ސިޓީ ހޮޓާތައްކަށް އިންޑިއާއިން ފަތުރުވެރިން އައުން މަނަލެއް ނުކުރެއެވެ.