އިސްރާއިލްގައި ކުރިއަށްދިޔަ ދީނީ އެއްވުމެއްގެ ތެރޭގައި މީހުން ގިނަވެ ފިތިބާރުވެ 44 މީހުން މަރުވެއްޖެއެވެ.
މިހާދިސާ ހިނގައިފައިވަނީ އިސްރާއިލްގެ އިރު އުތުރުގައި ހުންނަ މެރޮން ފަރުބަދައިގެ ކައިރީގައި ކުރިއަށްދިޔަ ލަގް ބޮމާރ ނަމަކަށްކިޔާ ދީނީ ހަފުލާގެ ތެރޭގައެވެ.
މި ދީނީ ހަފްލާއަކީ ކޮންމެ އަހަރަކުވެސް ކުރިއަށްދާ ޔަހޫދީންގެ ދީނީ އެއްވުމެކެވެ. މި އެއްވުމުގައި މުޅި ރޭގަނޑު ޔަހޫދީން މެރޮން ފަރުބަދަ ކައިރީ ހޭދަކުރެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނުފަހުން މިއީ އިސްރާއިލްގައި ބޭއްވުނު މިފަދަ އެންމެ ބޮޑު އެއްވުމެވެ.
10،000 ވުރެ އޮރްތޮޑޮކް ޔަހޫދީން ބައިވެރިވި މިހާދިސާގައި މީހުން މަރުވާން ދިމާވީ އެއްވުމަށްދިޔަ ބަޔެއް ފަރާތްތަކުން އެސަރަހައްދުގައިހުރި ސިޑިތަކުން އަރަން އުޅުމުގެ ތެރޭގައި ވެއްޓި އިތުރުމީހުންވެސް ވެއްޓުނު މީހުންގައިގައި ޖެހި ވެއްޓުމުގެ ސަބަބުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ. މިހާދިސާގައި 44 މީހުން މަރުވުމުގެ އިތުރުން 150 މީހަކަށްވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަނިޔާ ލިބުނު ބަޔެއް މީހުންގެ ހާލު ސީރިއަސްކަމަށްވެސް މައުލޫމާތު ލިބެއެވެ.




