ރާއްޖޭގައި މިހާރު ކުރިއަށްދާ އެޑެކްސެލް އޭ ލެވެލް އިމްތިހާން ކަރުދާސް ލީކުވެފައި ވީނަމަވެސް އެ އިމްތިހާން ބާއްވާ އެޑެކްސެލް އިން ވަކިއެއްޗެއް އަންގަންދެން އިމްތިހާން ކުރިއަށްދާނެ ކަމަށް ތައުލީމާބެހޭ ވަޒީރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް އަދަދަށް ދިން ހާއްސަ ބަސްތީގަތުމެއްގައި އައިޝަތު އަލީ ވިދާޅުވީ، މިކަމާގުޅިގެން (އިމްތިހާން ކަރުދާސް އާންމުވުމާ ގުޅިގެން) އެހެންގޮތަކަށް ޢަމަލުކުރުމަށް އެޑެކްސެލް އިން އަންގަންދެން މިހާރު ތާވަލުކުރެވިފައިވާ ގޮތަށް ދިވެހިރާއްޖޭގައި އޭ.ލެވެލް އިމްތިހާނު ކުރިޔަށްދާނެ ކަމަށެވެ.
އައިޝަތު އަލީ އިތުރަށް ވިދާޅުވީ، އޭލެވެލްގެ ސުވާލުކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިހާނު ސެންޓަރަކުން އާންމުވެފައިނުވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާ އޭ ލެވެލް އިމްތިހާނުގެ ގިނަ ސުވާލު ކަރުދާސްތަކެއް މިހާތަނަށް އާންމުވެފައިވާއިރު މި ސުވާލުކަރުދާސްތައް އިންޓަރނެޓުގެ އެކި ވެބްސައިޓުތަކުގައި އައްނަނީ ދައުރުވަމުންނެވެ.
މިކަމާއި ގުޅިގެން އަދި މިހާތަނަށް އެޑެކްސެލް އިން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.



