ތުރުކީގައި އުޅެނިކޮށް ޙައްޔަރުކުރި ދިވެހި ޢާއިލާ އަނބުރާ ރާއްޖެއަށް ގެނައުމުގެ މަސައްކަތްދަނީ ކުރެވެމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގަމުންދިޔަ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވި ދިވެހި އާއިލާއެއްގެ އަންހެނަކު އޭނާގެ ހަތަރު ދަރިންނާއެކު ސީރިޔާއިން ތުރުކީއަށް ގަވާއިދާ ހިލާފަށް އެތެރެވެ، އެގައުމުގައި އުޅެނިކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ.
އަދި އެކަން ދިވެހި ސަރުކާރަށް އެންގުމާ ގުޅިގެން، މި މައްސަލަ ތަހުގީގުކޮށް، އެއާއިލާއަށް ނިސްބަތްވާ ކުޑަކުދިންގެ ރަށްވެހިކަމާއި ދަތުރުފަތުރާ ގުޅުންހުރި ލިޔުންތަކާއި އެފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޓީމެއް މިވަގުތު ދަނީ ތުރުކީގައި، އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަރަކާތްތެރި ވަމުންދާކަމަށް ފުލުހުން ބުނެއެވެ.
އިތުރަށް ބުނީ، މިހާތަނަށް މިމައްސަލައިގައި ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، ތުރުކީގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި އަންހެންމީހާ އަކީ އަފްޤާނިސްތާނާއި ސީރިޔާގެ ހަނގުރާމައިގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ހަތަރު ދަރިން ލިބިފައިވާ އަންހެނެއްކަމާއި މީގެ ތެރެއިން އެންމެ ހަގު ދެކުދިން އުފަންވެފައިވަނީ އަފްޤާނިސްތާނާއި ސީރިޔާގައި ދިރިއުޅުނުއިރުކަމަށް ބުނެފައިވާތީ، މި ދެ ކުދިންނަކީ ދިވެހި އަންހެން މީހާގެ ދަރިންކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށެވެ.
ތުރުކީގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި މި ދިވެހި އާއިލާގެ ރަސްމީ އެއްވެސް ލިޔުމެއް ނެތުމުން، އެފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށް ދަތުރުފަތުރު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމާއި ރާއްޖެއިން ބޭރުގައި އުފަންވި ކުދިންގެ ރަށްވެހިކަމާއި ރެޖިސްޓްރޭޝަނާގުޅޭ ކަންކަން ހަމަޖެއްސުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ގާނޫނީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި ހަނގުރާމަވެރި ސަރަހައްދުތަކުގައި ތަފާތު ބިރުވެރި ތަޖުރިބާތައް ކުރެވި ނަފުސާނީގޮތުންނާއި ސިއްހީގޮތުންވެސް ބޮޑެތި އަސަރުތަކެއް މިޢާއިލާއަށްވަނީ ކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ، މި ފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެވޭ ހާލަތްތަކުގައި އެފަރާތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެންނައުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ނޭޝަނަލް ރިއިންޓެގްރޭޝަން ސެންޓަރާ ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މި ފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެސް، އެމީހުންގެ މައްސަލަ ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނީ ދިވެހިފުލުހުންގެ ޚިދުމަތުންކަމަށް ސަރުކާރުން ކަނޑައަޅާފައިވާކަމަށެވެ.



