ކޮޕާ އެމެރިކާގެ ހުޅުވި މެޗުގައި މިއަދު ކުޅުނު މެޗުން މޮޅުވެ، ބްރެޒިލްއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
ބްރެޒިލްގައި ފެށުނު މިމުބާރާތުގެ ފުރަތަމަ މެޗު ބްރެޒިލް ކާމިޔާބުކުރީ ބޮލީވިއާގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ބްރެޒިލްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ބްރެޒިލްއިން ޖެހި ތިންލަނޑުވެސް ޖަހާފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. ފުރަތަމަ ދެލަނޑު މެޗުގެ 50 ވަނަ މިނަޓްގައި 53 ވަނަ މިނަޓްގައި ފެނިގެންގޮސްފައިވާއިރު މިދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފިލިޕޭ ކުޓީނިއޯއެވެ.
ބްރެޒިލްގެ ފުރަތަމަ ލަނޑު ކުޓީނިއޯ ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. ބްރެޒިލް އެންމެ ފަހުން ކުޅުނު ދެ މުބާރާތުގައިވެސް ބްރެޒިލްއަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ކުޓީނިއޯއެވެ.
ބްރެޒިލްގެ ތިންވަނަ ލަނޑު މެޗުގެ ފަހު ފަސްވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ އެވަޓަންއެވެ.
ބްރެޒިލްއިން މުބާރާތަށް ނިކުންނަން ޖެހުނީ، ކުޑަ ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެޓީމުގެ އެންމެ އިތުބާރު ފޯވާޑު ނޭމާ ނުހިމަނައެވެ.
ބްރެޒިލް އަދި ބޮލީވިއާގެ އިތުރުން ގްރޫޕް އޭގައި ދެން ހިމެނެނީ ޕެރޫ އަދި ވެނެޒުއޭލާއެވެ.



