ރާއްޖޭގެ އުތުރުގެ 4 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ޑިޒައިން އެންޑް ބިލްޑް އުޞޫލުން ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕަރައިވެޓް ލިމިޓެޑާއެވެ.
އެކުންފުންޏަށް ވަނީ ށ. ފޭދޫއާއި، ހދ. މަކުނުދޫގެ އިތުރުން އެ އަތޮޅު ނޭކުރެންދޫއާއި ނެއްލައިދޫގައި ފެނައި ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށް ހަވާލުކޮށްފައެވެ.
ށ. ފޭދޫގައި ފެނާއި ނަރުދަމާ ޤައިމް ކުރުމަށް ހަވާލުކޮށްފައި ވަނީ 660 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 45،390،210.12 ރުފިޔާއަށެވެ. މަކުނުދޫގައި ފެނާއި ނަރުދަމާ ޤައިމް ކުރުމަށް ހަވާލުކޮށްފައި ވަނީ 660 ދުވަސްތެރޭ ނިންމާ ގޮތަށް 56،153،880.76 ރުފިޔާއަށެވެ.
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ޤާއިމް ކުރުމަށް ހަވާލުކުރީ 660 ދުވަހުން ނިންމާގޮތަށް 46،063،309.37 ރުފިޔާއަށެވެ. އަދި ނެއްލައިދޫގައި ފެނާއި ނަރުދަމާ ޤައިމް ކުރުމަށް ހަވާލު ކުރީ 660 ދުވަހުން ނިންމާގޮތަށް 48،064،099.77 ރުފިޔާއަށެވެ.
މި މަޝްރޫޢުތަކުގެ ޖުމްލަ އަގު 195،671،500.02 ރުފިޔާއަށް އަރައެވެ. މި މަޝްރޫޢުތަކަކީ އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން %77 އަދި ދިވެހި ދަޢުލަތުގެ ބަޖެޓުން %23 ޚަރަދު ކޮށްގެން ކުރިޔަށް ގެންދާ މަޝްރޫޢުތަކެކެވެ.
މިމަޝްރޫޢުތަކުގައި ސޮއިކުރެވުނީ މިއަދުއެވެ.
މިމަޝްރޫގެ ދަށުން ސާރވޭ ކުރުމާއި، އީއައިއޭގެ މަސައްކަތްތައް ކުރުމާއި، ފެނާއި ނަރުދަމާ ނިޒާމް ފަރުމާ ކުރުމާއި، ފެނާއި ނަރުދަމާ ނިޒާމްގެ ވިއުގަ އެޅުމާއި، އާރުއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން ނަރުދަމާގެ ޕަމްޕް ސްޓޭޝަން ޤާއިމް ކުރުމާއި، ސީ އައުޓް ފޯލް އެޅުމާއި އިދާރީ އޮފީސް ޤާއިމް ކުރުމާއި އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.



