ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލް ގެ ނައިބުން ހޮވުމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޢަމަލުކުރާނެ ގޮތް ހާމަކޮށްފިއެވެ.
އެގޮތުން އެމްޑީޕީން މިއަދު ނެރެފައިވާ ދެންނެވުމެއްގައި ބުނީ، އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުމަށްޓަކައި އިންތިހާބުވި ހުރިހާ އެމް.ޑީ.ޕީ. މެންބަރުންގެ ތެރެއިން އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއް ކެންޑިޑޭޓަކު ހޮވާ އެކެންޑިޑޭޓަކަށް ވޯޓު ދިނުމަށް އެޕާޓީގެ ވިޕް ލައިން ނެރޭގޮތަށް ހަމަޖެހިފައިވާއިރު، ނައިބު ރައީސް ނެގުމަށް ބާއްވާ ވޯޓަށް މިގޮތުން ހޮވޭ ފަރާތްނޫން އެހެން ފަރާތެއްގެ ނަން ހުށަނޭޅުމަށާއި ވިޕް ލައިނާ އެއްގޮތަށް ޢަމަލުކުރަން އެދޭކަމަށެވެ.
ހަމައެގޮތަށް ސިޓީ ކައުންސިލް/ރަށު ކައުންސިލްގެ ނައިބު ރައީސް ހޮވުމަށްޓަކައި ރަށު ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ޓީމާއި ރަށުގެ އެމް.ޑީ.ޕީ. ލީޑަރޝިޕް އަދި އިންތިޚާބުވި ކެންޑިޑޭޓުންގެ މެދުގައި ހޮވާ އެއް ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ވިޕް ލައިނާއި އެއްގޮތަށް ސިޓީ ކައުންސިލް/ރަށު ކައުންސިލްގެ ނައިބުރައީސް ނެގުމަށް ބާއްވާ ވޯޓަށްގައިވެސް މިގޮތުން ހޮވޭ ފަރާތް ނޫން އެހެން ފަރާތެއްގެ ނަން ހުށަނޭޅުމަށްވެސް އެޕާޓީންވަނީ އެދިފައެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބާއްވާފައިވަނީ މިދިޔަ އެޕްރީލް 10 ވަނަ ދުވަހެވެ.
މި އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި 826 ކެންޑިޑޭޓުން އަދި ޕީޕީއެމްގެ ޓިކެޓްގައި 647 ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން 609 ކެނޑިޑޭޓުންވަނީ ވާދަކޮށްފައެވެ.
މިފަހަރު ބޭއްވި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީންނެވެ. އެ ޕާޓީން 400 ގޮނޑި ކާމިޔާބު ކޮށްފައި ވާއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމް އިން ވަނީ 325 ގޮނޑި ކާމިޔާބު ކޮށްފައެވެ.
އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރަން ހަމަޖެހިފައިވަނީ މިމަހު 17 ގައެވެ.



