ފްލީޓް މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާއަށް ލޯ މެޑަލް ލިބިއްޖެއެވެ.
މޮރިޝަސް މުބާރާތުގެ ކުއާޓާ ފައިނަލުގެ އަންހެން ޑަބަލްސްގައި ވާދަކުރި ރާއްޖޭގެ އަނެއް ޕެއާ ކަމަށްވާ މައިސާ ފަތުހުﷲ އާއި ނީލާ ނަޖީބު ވަނީ ދެ ވަނަ އަށް ސީޑްކޮށްފައިވާ މޮރިޝަސްގެ އޯރެލީ މާރިއާ އާއި ކޮބިތާ ދޫކީގެ ޕެއާ އަތުން ބަލިވެފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-18، 14-21 އަދި 21-10 އިންނެވެ.
މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ނީލާ އާއި ނަޝީއު ޝަރަފުއްދީންގެ ޕެއާ ބަލިވީ މި މުބާރާތުގައި ތިން ވަނަ އަށް ސީޑުކޮށްފައިވާ މިކްސް ޑަބަލްސް ޕެއާ ކަމަށްވާ އެމެރިކާގެ ހޮވާޑް އާއި ޕައުލާ ލީންގެ ޕެއާ އަތުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-13، 21-12 އިންނެވެ.
މިއީ ބައިނަލްއަގްވާމީ މުބާރާތްތަކުން މިދިޔަ ތިން އަހަރެއްހާ ދުވަސްތެރޭ ނަބާހާ އާއި ނަބީހާ އަންހެން ޑަބަލްސް އިވެންޓުން ހާސިލްކުރި ފަސް ވަނަ މެޑެއްޔެވެ.
ނަބާހާ އާއި ނަބީހާ މިދިޔަ ދެ އަހަރުގެ ސައުތު އޭޝިއަން ޔޫތު ބެޑްމިންޓަން މުބާރާތުން ރިހި މެޑަލް ހާސިލްކުރިއިރު، މިދިޔަ އަހަރު ޖޫން މަހު އޮތް މޮރިޝަސް މުބާރާތުން ވެސް ރިހި މެޑަލް ހޯދިއެވެ. އަދި ނޭޕާލުގައި މިދިޔަ ޑިސެމްބަރު މަހު އޮތް ޔޮނެކްސް ސަންރައިސް އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުން ވެސް ލޯ މެޑަލް ހާސިލްކުރިއެވެ.
މޮރިޝަސް މުބާރާތަށް ފަހު ބެޑްމިންޓަން ޓީމު މާދަމާ މާލެ އައިސް އަންނަ މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އެ ޓީމުގެ ޓްރެއިނިންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެކުނު ކޮރެއާގެ ގައުމީ ބެޑްމިންޓަން ޓީމަށް 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި އިރުޝާދުދިން ކޯޗު ސުން ހަން ކުކްގެ ބެލުމުގެ ދަށުންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން ވިދާޅުވީ، މިއީ އައިއޯއައިޖީން ރަން މެޑަލެއް ހޯދަން ކުރަމުން އަންނަ މަސައްކަތަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށެވެ.




