ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ 7 އަހަރުގެ ކުއްޖަކަށް ކޮވިޑް-19 ޖެހި ހާލު ދެރަވުމުގެ ސަބަބުން ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
ކުއްޖާގެ އާއިލާއާއި ހަވާލާދީ "މިހާރު" ނޫހުން ބުނެފައިވަނީ މި ކުއްޖާއަކީ އެންމެ ކުޑައިރުއްސުރެ ފެށިގެން ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ ކުއްޖެއް ކަމަށާއި ފަރުވާ ހޯދުމަށް ކޮންމެ މަހަކުވެސް އެއްފަހަރު މާލެ އަންނަން ޖެހޭ ކަމަށެވެ. އަދި ކޮވިޑް 19 ގެ ސަބަބުން ކޮންމެ މަހަކު މާލެ ނާދެވޭ ކަމަށާއި އަންނަނީ ކޮންމެ ތިން މަހަކު ކަމަށް ބުނެފައި ވެއެވެ.
އެ ކުއްޖާގެ ބައްޕަ އިތުރަށް ބުނެފައިވަނީ ރަށުގައި ހުއްޓާ އެ ކުއްޖާ ބަލިވުމުން މާލެ އައީ ކަމަށާއި މާލެ އައިތާ 4 ވަނަ ދުވަހު ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ ހާލު ސީރިއަސްވީ ކޮވިޑް އަށް ޕޮޒިޓިވުމަށްފަހު 10 ވަރަކަށް ދުވަސް ފަހުން ކަމަށާއި ވެންޓިލޭޓަރަށް ލީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު މިއީ ކޮވިޑް-19 ޖެހިގެން މިހާ ކުަޑަކުއްޖަކު ހާލު ސީރިއަސްވި ފުރަތަމަ ފަހަރެވެ.
ފަހަކަށް އައިސް ކޮވިޑް-19 ގައި ނިޔާވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަދުވެސް 4 މީހަކު ނިޔާވެފައިވާއިރު ޖުމްލަ ނިޔާވި މީހުންގެ އަދަދު ވަނީ 155 އަށް އަރައިފައެވެ.
ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 60،943 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 35،365 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 25،419 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 270 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.



