ހުސް ގޯނި ބޮނޑިއެއް ހިމެނޭގޮތަށް ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިޢުލާން ކޮށްފިއެވެ.
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
ފުލުހުން ވިދާޅުވީ، މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށާއި އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
- މެއި 25 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 10 ސިނގިރެޓު ފޮށި (ކެމަލް ހާޑް). އިންސިޑެންޓް ނަންބަރު 487896
- މެއި 27 ވަނަ ދުވަހު ބިސްބުރު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ވަޅިއަކާއި، ގްރޭންޑަރަކާ އަދި ހުސް ގޯނި ބޮނޑިއެއް. އިންސިޑެންޓް ނަންބަރު 488103
- މެއި 27 ވަނަ ދުވަހު ސީރާޒީ ގޯޅިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ކަތުރު، ކަޓަރެއް، ދެ ނަރުކެނޑި. އިންސިޑެންޓް ނަންބަރު 488053
މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.




