ޗައިނާގައި ގިނަވެގެން ތިން ދަރިން ހޯދުމުގެ ހުއްދަ ދީފި

ޗައިނާގެ އާއިލާތަކަށް ގިނަވެގެން ތިން ކުދިން ހޯދުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފިއެވެ.

މި ހުއްދަ ޗައިނާގެ ސަރުކާރުން ދީފައި މިވަނީ، އެންމެފަހުގެ ބޯހިމެނުމުން އަލަށް އުފަންވާ ކުދިންގެ ރޭޓް ބޮޑުތަނުން ދައްވެފައިވާތަން ދެއްކުމާއި ގުޅިގެންނެވެ.

ޗައިނާގެ އާބާދީ އިތުރުވުން ހުއްޓުވުމަށް އެގައުމުން މީގެކުރިން އެކުލަވާލައިފައިވާ ކޮންމެ އާއިލާއަކުންވެސް އެއްކުއްޖަކު ހޯދުމުގެ ގަވާއިދަށް ބަދަލުގެނެސް ދެކުދިންނަށް ހޯދުމުގެ ހުއްދަ ދީފައިވަނީ 2016 ވަނަ އަހަރެވެ. މި ބަދަލާއެކުވެސް ޗައިނާގައި ވިހާ ނިސްބަތް އިތުރުވެގެން ގޮސްފައެއް ނުވެއެވެ.

ޗައިނާގައި އުފަންވާ ކުދިންގެ ނިސްބަތް އިތުރުވެގެން ނުދަނީ އެގައުމުގެ ސިޓީތަކުގައި ކުޑަކުދިން ބަލާބޮޑުކުރުމަށް ހޭދަވާ ހަރަދު ބޮޑުވުމުންކަމަށް މިމައްސަލަ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިހެންކަމުން ހަމައެކަނި އަދަދުތަކަށް ބަދަލުގެނެސްގެން ޗައިނާއަށް މިހާރު ދިމާވެފައިމިވާ މައްސަލައަށް ހައްލު ލިބިދާނެކަމަށް މިފަރާތްތަކުން ނުދެކެއެވެ.

ޗައިނާގެ ޒިންހުވާން ނިއުސް އެޖެންސީ އިން ރިޕޯޓުކުރާ ގޮތުގައި އާއިލާތަކަށް އެންމެ ގިނައިން ކުދިން ހޯދޭނެ އަދަދަށް ބަދަލު ގެނެސްފައި މިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެގައުމުގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އިސްއޮފިޝަލުންނާއި ބޭއްވި ބައްދަލުވުންތަކަށް ފަހުއެވެ. މި ނިއުސް އެޖެންސީ އިން އިތުރަށް ބުނީ، މި ބަދަލާއެކު އާއިލާތަކަށް ކުދިން ހޯދުމަށް ބާރުއެޅުމަށް އިތުރު ލުއިތައްވެސް ދޭނެކަމަށެވެ.

މިބަދަލުތަކާއެކުވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން އައްނަނީ ޗައިނާއަށް މިކަމުގައި ފާޑުކިޔަމުންނެވެ. މިގޮތުން އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނީ އާއިލާ ރޭވުމުގެ ކުރީގެ ޕޮލިސީތަކާއި އަދި މި ޕޮލިސީއިންވެސް ކުދިން ހޯދުމުގެ މިނިވަން ކަމަށް އަރައި ގަނެވިފައިވާ ކަމަށެވެ.

ޗައިނާއަކީ މުޅި ދުނިޔޭގައިވެސް އެންމެ އާބާދީ ބޮޑު ގައުމެވެ. ޗައިނާގެ އާބާދީގައި 1.398 ބިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ