އީރާނުގެ އެންމެ ބޮޑެތި ނޭވީ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ޚަރްގް ނަމަކަށްކިޔާ އުޅަނދުގައި ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން އެ އުޅަނދު އަޑިއަށް ގޮސްފިއެވެ.
އީރާނުގެ ސިފައިންނާއި ހަވާލާދީ އަލްޖަޒީރާއިން ބުނީ، މި އުޅަނދުގައި އަލިފާން ރޯވީ ރޭ ދަންވަރުގެ ވަގުތުގައި ކަމަށާއި އަލިފާން ނިއްވާލުމަށް ސިފައިންކުރި މަސައްކަތް ކާމިޔާބު ނުވެ ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށެވެ.
ރޭ ބޯޓުގެ ފޮޓޯއެއް ކަމަށްބުނެ ދައުރުވެ ފޮޓޯއަކުން ފެއްނަނީ ބޯޓުގެ ބަޔެއް ފަޅުވެރިން ލައިފް ޖެކެޓް އަޅައިގެން ހުއްޓައެވެ. އޭރުވެސް އަލިފާން ބޯޓުން ފެނެއެވެ. މިއަދު ދައުރުވަމުންދިޔަ ފޮޓޯތަކުން ފެއްނަނީ ބޯޓުން ގަދަޔަށް ކަޅުދުންއަރާ މަންޒަރެވެ. އޭރުވެސް ބޯޓުގައި އަލިފާން ރޯވަމުން ގޮސްފައި ވެއެވެ.
މައުލޫމާތު ލިބޭގޮތުގައި މި ބޯޓަކީ ޓްރައިނިންތަކުގައި ބޭނުންކުރާ ބޯޓެކެވެ. ހާދިސާ ހިނގިއިރު ބޯޓުގައި 400 އާއި ގާތްކުރާ އަދަދަކަށް ފަޅުވެރިން ތިއްބެވެ. މިހާދިސާގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ވެފައެއް ނުވެއެވެ. ނަމަވެސް ބަޔެއް ފަޅުވެރިންގެ ހަށިގަނޑުން ބަޔެއް ތަންތަން ފިހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ބޯޓުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައި ނުވާއިރު އެންމެ ފުރަތަމަ ބޯޓުން އަލިފާން ރޯވެފައިވަނީ އިންޖީނު ރޫމުން ކަމަށް އީރާނުގެ މީޑިއާތަކުގައި އެގައުމުގެ ސިފައިންނާއި ހަވާލާދީވަނީ ރިޕޯޓު ކޮށްފައެވެ. މި ބޯޓު އަޑިއަށް ގޮސްފައިވަނީ އީރާނުގެ ދެކުނުން ޖާސްކް ޓައުންގެ ބަނދަރު ކައިރިންނެވެ. ގާތްގަނޑަކަށް އީރާނުގެ ވެރިރަށް ތެހެރާނަށްވުރެ 790 މޭލު ދުރުންނެވެ.

ރޯވި އުޅަނދަކީ އިނގިރޭސިވިލާތުގައި ބަނދެ 1984 ވަނަ އަހަރު އީރާނުގެ ނޭވީއިން ބޭނުންކުރަން ފަށައިފައިވާ ބޯޓެކެވެ. މިހެންނަމަވެސް ބޯޓު މިފަހުން އީރާނުގެ އިންޖިނިއަރުން އޯވަހޯލް ކޮށްފައިވާކަމަށް އެގައުމުގެ ސިފައިން މައުލޫމާތު ދެއެވެ.




