ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޔާމިން އަބްދުލް ގައްޔޫމުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ބައްޕަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ޝަހީމް ވިދާޅުވީ، އޭނާގެ ބައްޕަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މިވަގުތު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ.
"އެންމެހާ އެކުވެރިންގެ ހެޔޮ ދުޢާ އަށް އެދެން. ކޮވިޑް 19 ގެ ބަލި ތަޙައްމުލު ކުރައްވަމުންގެންދަވާ އެންމެހާ އަޚުންނާއި އުޚުތުންނަށް މާތް ﷲ އަވަސް ޝިފާއެއް ދެއްވައި މި ބަލިމަޑުކަމުން ދިވެހި ޤައުމާއި އެންމެހާ ރައްޔިތުން ސަލާމަތް ކުރައްވައި ރައްކާތެރިކަން މިންވަރުކުރައްވާށި.އާމީން." ޝަހީމް ވިދާޅުވިއެވެ.
މިދުވަސްވަރަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވެ އަދި މަރުވާ މީހުންގެ އަދަދުތައް މައްޗަށް އަރާފައިވާ ދުވަސްވަރެކެވެ.
އެގޮތުން ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 65،868 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 41،779 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 23،909 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 197 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.




