ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ފަސް މެމްބަރަކާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފުލުހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ފުލުހުން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ފަސް މެންބަރަކާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މިރޭ ސިޓީއަކުން މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ޖޭއެސްސީގެ ފަސް މެންބަރަކާ ދެކޮޅަށް މައްސަލަ ހުށަހެޅުނުކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އެ މައްސަލައަކީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.
"ފުލުހުން ދަނީ އެމައްސަލައަކީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް މައްސަލަ ދިރާސާކޮށް ބަލަންޖެހޭ ކަންކަން ބަލަމުން." ފުލުހުން ބުންޏެވެ.
ޖޭއެސްސީގެ ފަސް މެންބަރުންގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅުނުއިރު، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއްވެސް މިއަދު ވަނީ ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.