2005 ވަނަ އަހަރު ނުކުތް ރޮމޭންޓިކް-ކޮމެޑީ ފިލްމް "ދަ ވެދިން ކްރޭޝާސް" ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ފަށައިފި ކަމަށް ހޮލީވުޑްގެ ރިޕޯޓުތައް ބުނެފިއެވެ.
މި ފިލްމްގެ ސީކުއަލް އެއް އުފައްދަން ނިއްމާފައިވާއިރު، ފުރަތަމަ ފިލްމުން ފެނިގެންދިޔަ ކާސްޓުން މިފަހަރުގެ ފިލްމުގައިވެސް ފެންނާނެކަމަށް ހަބަރުތައް ބުނެއެވެ.
މި ފިލްމްގެ ފުރަތަމަ ފިލްމްގައި ފެނިގެންދިޔަ ދެ ފިރިހެން ލީޑް އެކްޓަރުންނަކީ، ވިންސް ވޯން، އާއި އޮވެން ވިލްސަން އެވެ. އަދި އަންހެން ލީޑުން ފެނިގެންދިޔައީ ރޭޗަލް މެކްއެޑަމްސް، އާއި އައިސްލާ ފިޝަރއެވެ.
މި ކާސްޓާއެކު ބެލުންތެރިންގެ މެދުގައި މަޤްބޫލުކަން ހޯދި މި ފިލްމްގެ ދެވަނަ ބައެއް ގެނެސްދެން އުޅޭކަމަށް، މިދިޔަ އަހަރު ވަނި އަޑު ފެތުރިފައެވެ.
އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ފިލްމްގައި ފެނިގެންދިޔަ އެކްޓަރ ވިންސް ދިން އިންޓަވިއުއެއްގައި ބުނީ، ފުރަތަމަ ފަހަރަށް މި ފިލްމްގެ ސީކުއަލް އާއި ގުޅޭގޮތުން ކާސްޓުންނާއެކު މަޝްވަރާކުރެވުނު ކަމަށެވެ.



