ކެނެޑާގައި މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ހަތަރުމީހުން ނިޔާވެއްޖެ

ކެނެޑާގައި މުސްލިމުންނަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއެއްގައި އެއް އާއިލާގެ ހަތަރު މުސްލިމުން ނިޔާވެއްޖެއެވެ.

މި ހަމަލާދީފައިވަނީ ފަސްމީހުންގެ މައްޗަށް ހިމެނޭ މުސްލިމް އާއިލާއަކުން މަގުމަތީ ހިނގާފައި ދަނިކޮށް ވެހިކަލަކުން ޖައްސައިފައެވެ. މި ހަމަލާގައި އެ އާއިލާގެ ހަތަރު މެންބަރުން ނިޔާވެފައިވާއިރު އުމުރުން ނުވައަހަރުގެ ފިރެހެން ކުއްޖަކުވަނީ ސަލާމަތްވެފައެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓުރޫޑޯ މީޑިއާއަށް މި ހަމަލާގައި ނިޔާވި ފަރާތްތަކުގެ ވަނަވަރު ހާމަކޮށްފައިވާއިރު ނިޔާވި ފަރާތްތަކަކީ، މަދީހާ ސަލްމާން (44 އަހަރު)، އޭނާގެ ފިރިމީހާ ސަލްމާން އަފްޒަލް (46 އަހަރު)، މި ދެމަފިރިންގެ އަންހެން ދަރިފުޅު ޔުމްނާ އަފްޒަލް (15 އަހަރު)، އަދި ސަލްމާން އަފްޒަލްގެ މަންމަ (74 އަހަރު) އެވެ.

ބޮޑުވަޒީރު ޓުރޫޑޯވަނީ މިހަމަލާއަކީ ނިރުބަވެރި ހަމަލާއެއްކަމަށް ވިދާޅުވެ މި ހަމަލާ ކުށްވެރި ކުރައްވައިފައެވެ.

މި ހަމަލާއަކީ 2017 ވަނަ އަހަރު ކުވެބެކް ސިޓީ މިސްކިތުގައި ދިން ހަމަލާއަށްފަހު ކެނެޑާގެ މުސްލިމުންނާއި ދެކޮޅަށް ދެވުނު އެންމެ ނުރައްކާތެރި ހަމަލާއެވެ. ކިއުބެކް ސިޓީ މިސްކިތުގައި ދިން ހަމަލާގައި ހަމީހުންވަނީ ނިޔާވެފައެވެ.

ފުލުހުންބުނީ މިހާތަނަށް ހޯދި ހޯދުމުން އިނގިފައިވާ ގޮތުގައި މި ހަމަލާދީފައިވަނީ އެއާއިލާއަކީ މުސްލިމް އާއިލާއަކަށް ވުމުން ކަމަށެވެ. މި ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ޒުވާނެކެވެ.

ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާއާއި ދެކޮޅަށް ގަސްތުގައި މީހުން މެރުމުގެ ދައުވާގެ އިތުރުން ނިރުބަވެރިކަމުގެ ދައުވާ އުފުލަން ދަނީ ތައްޔާރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
41
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ