މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގައި ޔޫތް މިނިސްޓަރު އަޙްމަދު މަހްލޫފަށް ދައުވާކުރުމަށް ފޮނުވާފައިވާއިރުވެސް، ވަޒީރުކަމުން ދުރުކޮށްފައިނުވަނީ މަޖުބޫރުވެގެންތޯ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސުވާލު އުފައްދަވައިފިއެވެ.
އެގޮތުން ޖަމީލް ވިދާޅުވީ، ޤާނޫނު އަސާސީގެ 115(ޅ) ގެ ދަށުން ވަޒީރުން ޢައްޔަން ކުރުމާއި ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެތެރޭގައި ހިމެނޭ ކަމެއްކަމަށާއި، އެެހެންކަމުން ވަޒީރެއްގެ މައްޗަށް މިވަރުގެ ދަޢުވާއެއް ކުރެވޭއިރު މަގާމުގައި ބަހައްޓާތީ ޙައިރާންވާކަމަށެވެ.
"ކޮންފަދަ މަޖްބޫރު ކަމެއް ބާ އޮތީ؟" ޖަމީލު ސުވާލު ކުރައްވާފައިވެއެވެ.
ގއ 115(ޅ) ގައިވަނީ ވަޒީރުން ޢައްޔަން ކުރުމާއި ވަކިކުރުމަކީ ރޖ ގެ ބާރުގެތެރޭގައި ހިމެނޭ ކަމެއްކަން. ޙައިރާންވޭ ވަޒީރެއްގެ މައްޗަށް މިވަރުގެ ދަޢުވާއެއް ކުރެވޭއިރު މަގާމުގައި ބަހައްޓާތީ.ކޮންފަދަ މަޖްބޫރު ކަމެއް ބާ އޮތީ؟ މަޖްލިހާއި ރައީސްގެ ވެސް ހަމައެއް ނެތް pic.twitter.com/j3thTmNLWX
— Mohamed Jameel Ahmed (@MJameelAhmed) June 9, 2021
މަހްލޫފަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިއަދުއެވެ. މިކަން ރައީސް އޮފީހުގެ ތަރުޖަމާނު ކަށަވަރުކޮށްދެއްވާފައިވާއިރު، ވިދާޅުވީ މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާތީ، ޕީޖީ ގޮތެއް ނިންމަވަންދެން، މަޙްލޫފް މަސައްކަތުން އެކަހެރިވުމަށް އަންގަވާފައިވާ ކަމަށެވެ.
މަޙްލޫފްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ޚިޔާނާތުގެ މައްސަލަތައް ތަހްޤީޤުކުރުމަށް މި ސަރުކާރުން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނާއި، ފުލުހުން އަދި އޭސީސީ ގުޅިގެން ހިންގި ތަޙްޤީޤަކަށް ފަހުގައެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މީގެކުރިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެމްއެމްޕީއާރުސީގެ ފައިސާއިން މަނީލޯންޑަރކުރަން ބޭނުންކުރިކަމަށް ތުހުމަތުކުރާ ކުންފުނި އެސްއޯއެފްއިން މަޙްލޫފަށް 33،000 ޑޮލަރު ޖަމާކޮށްފައިވެއެވެ.
މަޙްލޫފަށް ލިބުނު އެ ފައިސާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމަށާއި، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ދެމިހުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރެއެވެ.




