ކުޅުދުއްފުށިން އިތުރު ދެމީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެއެވެ.
މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލަށް ޕޮޒިޓިވުވި މި ދެމީހުންނަކީ އިއްޔެ އެރަށުން ޕޮޒިޓިވުވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ސާމްޕަލް ނެގުނު މީހުންގެ ތެރޭގައި ހިމެނޭ ދެމީހުންނެވެ.
އިތުރަށް މައުލޫމާތު ލިބޭގޮތުގައި، މިއަދު ޕޮޒިޓިވުވި ދެމީހުންނަކީވެސް އިއްޔެ ޕޮޒިޓިވުވި މީހާ މަސައްކަތްކުރާ މާލެ ދަތުރުކުރާ ބޯޓުގައި މަސައްކަތްކުރާ ދެމީހުންނެވެ. އިއްޔެ އެބޯޓުން ޕޮޒިޓިވުވެފައިވަނީ އުމުރުން 45 އަހަރުގެ މީހެކެވެ. މި ބޯޓުގެ ނަމަކީ ސީކުއީންއެވެ.
އިއްޔެ ކޮވިޑް-19 އަށް ކުޅުދުއްފުށިން ޕޮޒިޓިވުވި މީހާއާއި ސީދާ ބައްދަލުވެފައިވާކަމަށް ކޮންޓެކްޓް ޓްރޭޒިން އިން ދެއްކި 24 މީހެއްގެ ސާމްޕަލް މިއަދުވަނީ ޓެސްޓުކޮށްފައެވެ. އަލަށް ޕޮޒިޓިވުވެފައިވާ ދެމީހުން ހިމެނެނީ މި 24 މީހުންގެ ތެރެއިންނެވެ.
މިއަދު އަލަށް ޕޮޒިޓިވުވެފައިވަނީ އުމުރުން 51 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެކެވެ. އިއްޔެއިން ފެށިގެން މިހާތަނަށް އައިއިރު މި ކޭސްތަކާއި ގުޅިގެން ކުޅުދުއްފުށީގެ ޖުމްލަ 13 ގެޔެއްވަނީ މޮނިޓަރިންނަށް ލައިފައެވެ. އަދި ރަށަށް އަރައިފޭބުން މަނާކޮށްފައިވާއިރު ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް ރަށުތެރޭ ބޭރަށް ނިކުމެ އުޅުންވެސްވަނީ މަނާކޮށްފައެވެ.
ކުޅުދުއްފުއްޓަކީ ތަފާތު އެކި ބޭނުންތަކަށް ކޮންމެ ދުވަހަކުވެސް ހާއްސަ ހުއްދައިގެ ދަށުން އުތުރުގެ ގިނަ އަތޮޅުތަކެއްގެ މީހުން ދަތުރުކޮށްއުޅޭ ރަށެކެވެ.