2018 ވަނަ އަހަރު ރިލީޒްކުރި "ވާނާ ބްރަދާސް"ގެ ބްލޮކްބަސްޓާ ފިލްމް، "އެކުއަމޭން" ދެވަނަ ބައިގެ ޓައިޓަލް ނަން ހާމަކޮށްފިއެވެ.
ފިލްމްގެ ދެވަނަ ބައިގެ ޓައިޓަލް ނަމަކީ، "އެކުއަމޭން: ދަ ލާސްޓް ކިންގްޑަމް" އެވެ.
ފިލްމްގެ ޓައިޓަލް ނަން ހާމަކުރީ، ފިލްމްގެ ދެވަނަ ބައިވެސް ގެނެސްދޭ ޑައިރެކްޓަރ، ޖޭމްސް ވެން އެވެ. އެގޮތުން ޖޭމްސް ވަނީ ފިލްމްގެ ނަން ފެންނާނެހެން ފިލްމްގެ ޕްރޮޑަކްޝަން މީޓިންގެ ތެރެއިން ނަގައިފައިވާ ފޮޓޯއެއް އިންސްޓަގްރަމްގައި ހިއްސާކޮށްފައެވެ.
މި ފިލްމްގެ ދެވަނަ ބައިން، ފިލްމްގެ ޓައިޓަލް ރޯލު، "އާތާ" ގެ ރޯލު ކުޅުނު އެކްޓަރ ޖޭސަން މޮމޮއާ އެނބުރި އަންނާނެއެވެ. މީގެ އިތުރުން އެހެން ރޯލު ތަކުން ފެނިގެންދިޔަ، އެކްޓްރެސް އެމްބަރ ހެޑް، އާއި އެކްޓަރ ޕެޓްރިކް ވިލްސަންގެ އިތުރުން، "ބެލްކް މަންތާ"ގެ ރޯލުން ޔަހްޔާ އަބްދުލް މަތީން ފެނިގެންދާނެއެވެ.
އެކުއަމޭން ގެ ފުރަތަމަ ފިލްމަކީ ވާނާ ބްރަދާސް އިން އުފެއްދި ޑީސީގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. މި ފިލްމަށް މުޅި ދުނިޔެއިން 1.14 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.



