ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދި ޒުވާނުންތަކެއް ޙައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައެއް 2021 ޖޫން 14 ވަނަ ދުވަހު ހުށަހެޅިފައިވާކަމަށެވެ. އަދި މިމައްސަލައާއި ގުޅިގެން ހަމަ އެދުވަހު 3 ޒުވާނުން ޙައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެގޮތުން ޙައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެކެވެ.
އަދި މި 3 މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުންވަނީ މަޢުލޫމާތު ދީފައެވެ. ނަމަވެސް ބްލެކްމެއިލް ކޮށްގެން މިމީހުން ހޯދާފައިވަނީ ކިހާ ފައިސާއެއްކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.
މިމައްސަލާގައި ޙައްޔަރުކުރެވުނު ތިން މީހުންގެ ބަންދަން އިއްޔެގެ ވަގުތެއްގައި ކޯޓުން 15 ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އިތުރު ތަފްޞީލެއް ފުލުހުން ނުދެއްވައެވެ.
ފުލުހުން ގެންދަވަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



