މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާ މަރާލި މީހުންނަށް ޙައްޤު އަދަބު ދިނުމަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ) އެމްޑީޕީން ގޮވާލައިފިއެވެ.
އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނީ، ހުޅުމާލޭގައި އުމުރުން އެންމެ 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކުރުމަށްފަހު މަރާލާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާރޓީ (އެމްޑީޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، އެ ޢަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރާކަމަށެވެ.
އަދި ރަހީނުކުރުމަށްފަހު އަނިޔާކޮށް އެ ނާޒުކު އުމުރު ފުރައިގެ ކުއްޖަކު މަރާލުމަކީ އެޖަރީމާ ހިންގި ބަޔަކުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާކަމުގެ ހެއްކެއްކަމަށާއި، މިކުޑަ މުޖުތަމައުގައި މިފަދަ ޖަރީމާތައް ޖެހިލުމެއްނެތި ހިންގަން މެދުވެރިވާ ސަބަބުތައް އިތުރަށް ދެނެގަތުމަށާއި، ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރުގަދަ އަޒުމަކާއެކު ހަރުދަނާގޮތެއްގައި މުޅިދައުލަތް އެކުގައި މަސައްކަތްކުުރުން ނުހަނު މުހިއްމުކަމަށްވެސް މިބަޔާނުގައި ވެއެވެ.
"13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި އަވަސް އަދި ފުރިހަމަ ޖިނާއީ ތަޙްޤީޤެއް ހިންގައި، މުޖިރިމުންނަށް ޙައްޤު އަދަބު ލިބިދިނުން ކަށަވަރުކުރުމުގައި ފަރުވާކުޑަކުރުމެއްނެތި އަމަލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަަސާތަކަށް މި ޕާރޓީން ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އޭނާ ރަހީނުކުރިކަމަށްބެލެވޭ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި އޭނާ މަރާލުމަށްފަހު ފޮށްޓަކަށްލާ އެއްލާލާފައި އޮއްވާ ފެނުނީ ރޭ މެންދަމު 2:30 އެހާކަންހާއިރު ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަޅުތެރޭންނެވެ.
މި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ ދެމީހަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 17 އަހަރާއު 27 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.



